މިއަދު ދިވެހި ރައްޔިތުން ތަޖުރިބާ ކުރަން ޖެހިފައި ވަނީ އަނިޔާގެ ދަތުރު ކަމަށް ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީން، ގައުމު ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއިރު އަޑުގަދަކޮށް މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކީ އިންސާފުގެ ދަތުރެއްގެ ވާހަކަ ކަމަށެވެ.

"އެމްޑީއެންގެ ރިޕޯޓުގައި ސީދާ ރަސޫލާއަށް ފުރައްސާރަކޮށް ދީނަށް ފުރައްސާރަކޮށް މުސްލިމުންގެ އަގީދާއަށް ޗެލެންޖް ކޮށް މުސްލިމުންގެ އުޅުން ހުތުރު ކަމަށްބުނެ އެތައް ބަސްތަކެއް ދީނާ ބެހޭގޮތުން ފެންމަތި ކުރީމާ މިގައުމުގެ ރައީސްއަކަށް ހުރި ބޭފުޅާއަށް ކެރިވަޑައެއް ނުގަތް އެބޭފުޅުންނަށް ފިޔަވަޅު އަޅާކަށް. މިއަށްވުރެ ބޮޑު އަނިޔާއެއް އިންސާނިއްޔަތަކަށް ދެވޭނެ ވެރިއަކު ނިކަން ދައްކަބަލަ."
ޕީއެންސީގެ ނައިބު ރައިސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

ރައީސް ސޯލިހުގެ ސަރުކާރަކީ އަނިޔާގެ ދަރުރެއް ކަމަށް ވިދާޅުވެ ދެއްވަން ސައީދު ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ. އަދި އިންޑިޔާގެ މިލިޓަރީ ބޭސްއެއް ހަދަން އެތަން ދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޭޝަނަލް ޑިފެންސް ފޯސްއަކީ ދިވެހިރާއްޖެ ވަށައިގެން ހަމައެކަނި ބަޑި ހިފައިގެން ތިބެން ޖެހޭ ބައެއް ނޫން ކަމަށާއި އެ ފޯސްއަކީ ރާއްޖޭގެ ކުރިމަގަށް އަންނަ މިކަހަލަ ފިކުރީ ޗެލެނެޖް ތަކުގައިވެސް ސާބިތު ކަމާއެކު ތެދުވެ ވަތަން ދިފާއު ކުރަން ޖެހޭ ބައެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.