ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ލިބުމުގައި ގައުމުތަކަށް އޮތް ނާއިންސާފުގެ ޝަކުވާއިން، މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގެ ބުރާސްފަތި ދުވަހުގެ ދަންފަޅިތައް ގުގުމާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ދަންފަޅިތަކުގައި އެފްރިކާ ގައުމުތަކުގެ ގިނަ އަދަދެއްގެ ލީޑަރުން ތަގުރީރު ކުރެއްވިއިރު، އެފްރިކާގެ ގައުމުތަކަކީ، ކޮވިޑް ވެކްސިން ރޭހުގެ އެންމެ ބޮޑު ތަދު އިހުސާސް ކުރަމުން އަންނަ ގައުމުތަކެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް އަދިވެސް ލިޔެއް ލިބިފައި ނުވާއިރު، އެފްރިކާ ގައުމުތަކުގެ ގިނަ ލީޑަރުން ތަގުރީރު ކުރެއްވީވެސް ވީޑީއޯ މެދުވެރިކުރައްވައެވެ. ގައުމަކަށް ފަހު ގައުމެއްގެ ލީޑަރު، އާންމު މަޖިލީހުގެ ޕޯޑިއަމް ބޭނުން ކުރައްވަމުން ގެންދެވީ، ކޮވިޑް ވެކްސިން ލިބުމުގައި ގައުމުތަކުގެ މެދުގައި އޮތް ފަރަގުގެ ޝަކުވާ ހުށަހެޅުއްވުމަށެވެ. އަދި މިކަމަށް ހައްލެއް ނެތްކަމުގެ ރޫހެއް، ލީޑަރުންގެ ކިބައިން ވަނީ ފެނިގެން ގޮސްފައެވެ.

ވެކްސިނަކީ މި ބަލިމަޑުކަމާ ދެކޮޅަށް އިންސާނިއްޔަތަށް ލިބިފައިވާ އެންމެ ވަރުގަދަ ދިފާއަށް ވީ ނަމަވެސް، އެއްބައެއްވަންތަކަމުގެ ރޫހުގައި ބައިނަލްއަގުވާމީ މުޖުތަމައު މަސައްކަތް ކޮށްފައި ނުވާ ކަން، ދެކުނު އެފްރިކާގެ ރައީސް ސިރީލް ރާމަފޯޒާ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، 82 ޕަސެންޓްގެ ވެކްސިން ޑޯޒް ހިއްސާ ކުރަނީ މުއްސަނދި ގައުމުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު އެފްރިކާގެ ރައީސްގެ އިތުރުން އދގެ މެންބަރު އެހެން ގައުމުތަކުގެ ލީޑަރުންވެސް ވަނީ، ކޮވިޑް ވެކްސިނާ ގުޅިގެން އުފެދިފައިވާ ފިކުރީ މުދަލުގެ މައްސަލައަށް ވަގުތީ ލުޔެއް ދީ، ދަށް، އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށްވެސް ވެކްސިން އުފައްދާނެ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ.

ނެމީބިއާގެ ރައީސް ވަނީ، ބައެއް މީހުންނަށް ފުރަތަމަ ޑޯޒްވެސް ނުލިބިގެން އުޅޭ އިރު، އަނެއް ބައި ގައުމުތަކުން ބޫށްޓާ ޑޯޒް ޖެހުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ ކަން ފާހަގަ ކުރައްވާފައެވެ. އެންގޯލާއިންވެސް ވާހަކަ ދެއްކީ މިފަދަ ރޫހެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި މުއްސަނދި ގައުމުތަކުން ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައިވާ ވެކްސިން ޑޯޒްތަކުގެ ތެރެއިން، މިހާތަނަށް ފޯރުކޮށްދެވިފައި ވަނީ އެންމެ 15 ޕަސެންޓްގެ ވެކްސިން ޑޯޒްއެވެ.

އދގެ އާންމު މަޖިލީހުގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ދިވެހި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު، އެ މަގާމާ ހަވާލުވެވަޑައިގަތީ "އުއްމީދުގެ 5 ދޯދި" ހިއްޕަވައިގެންނެވެ. 5 ދޯދީގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް އެންމެނަށް އިންސާފުން ވެކްސިން ފޯރުކޮށްދެއްވުމަށް ކަމަށް، ޝާހިދު ތަކުރާރުކޮށް ވިދާޅުވެއެވެ.