ރޯޑް ޓްރިޕަކަށް ނިކުމެ އުޅެނިކޮށް މަރާލާފައި އޮއްވާ ފެނުނު އެމެރިކާގެ ޒުވާން ބްލޮގާ، ގެބީ ޕެޓީޓޯގެ ލޯބިވެރިޔާ، ބަރާޔަން ލޯންޑްރީ ހައްޔަރު ކުރަން، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި) އެރަސްޓް ވޮރަންޓެއް ނެރެފިއެވެ.

ގެބީ ދިރިހުއްޓާ އެންމެ ފަހުން ބައްދަލުވި ކަމަށް ބެލެވޭ ލޯންޑްރީ ހައްޔަރު ކުރަން، އެފްބީއައިއިން އަމުރު ނެރެފައި ވަނީ، ލޯންޑްރީއަށް ނިސްބަތް ނުވާ ޑެބިޓް ކާޑަކާއި އެކައުންޓްތަކެއްގެ ޕިން ނަމްބަރުތަކެއް ބޭނުން ކޮށްފައި ވާ މައްސަލާގައެވެ. އޭނާ މި ކަން ކޮށްފައި ވަނީ އޯގަސްޓް 30 އަދި ސެޕްޓެމްބަރު 1 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އެ ކާޑު ބޭނުން ކޮށްގެން، 1000 ޑޮލަރު ނަގާފައި ވާ ކަމަށް މައުލުމާތު ލިބެއެވެ.

ގެބީއާއި ލޯންޑްރީ ދިޔަ ކުރި ޕާކެއްގެ ތެރޭގައި، ގެބީ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ގެބީގެ ހަށިގަނޑު ފެނުނުއިރު، ލޯންޑްރީ ވަނީ، ވީނުވީއެއް ނޭނގި، ގެއްލިފައެވެ.

ލޯންޑްރީގެ ވަކީލު ސްޓީވް ބާޓޮލީނޯ ބުނީ، ހައްޔަރު ކުރަން އަމުރު ނެރެފައި ވަނީ، ގެބީގެ މަރަށް ފަހު ކަން ހިނގި ގޮތާ ގުޅިގެން ކަމަށް ގަބޫލު ކުރާ ކަމަށާ، އެ ކަމަކީ، ގެބީގެ މަރާ ސީދާ ގޮތުން ގުޅޭ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ގެބީ ގެއްލުމާއި އޭނާގެ މަރާ ގުޅިގެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވާ ލޯންޑްރީ، އަދި މިހާތަނަށް، ފުލުހުންނަށް އެއްވެސް ވަރެއްގެ މައުލުމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

4 މަސް ދުވަހުގެ ރޯޑް ޓްރިޕަކަށް ނިކުތް 2 މީހުންގެ ތެރެއިން، ލޯންޑްރީ، ސެޕްޓެމްބަރު 1 ވަނަ ދުވަހު އެނބުރި ގެއަށް އައީ އެކަންޏެވެ. ގެބީގެ އާއިލާއިން އޭނާ ގެއްލުނު ކަން، ކަމާ ބެހޭ ފަރާތްތަކަށް އެންގީ، އޭގެ 10 ދުވަސް ފަހުންނެވެ.

ލޯންޑްރީ ގެއްލިފައި ވާ ކަން އޭނާގެ އާއިލާއިން ރިޕޯޓް ކުރީ މިދިޔަ ހަފުތާ ބަންދުގައެވެ. ސެޕްޓެމްބަރު 14 ވަނަ ދުވަހު ހައިކިންގްއަށް ދިޔަ ގޮތަށް، ލޯންޑްރީގެ ހަބަރެއް ނުވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

ގެބީގެ ފަރާތުން އޭނާގެ އާއިލާއަށް އެންމެ ފަހުން ހަބަރެއް ވީ އޯގަސްޓް 30 ވަނަ ދުވަހުއެވެ. އަދި ނެޓްވޯކް ހިދުމަތް އެހާ ރަނގަޅު ނޫންކަމަށް އެ މެސެޖުގައި ބުނެފައެވެ. އެ މެސެޖުގައި ބުނެފައި ވާ ތަނަކީ، ގެބީ މަރާލާފައި އޮއްވާ ފެނުނު ޕާކެވެ. ނަމަވެސް، އޭނާގެ ހަށިގަނޑު ފެނުނު ގޮތެއް އަދި، އެ ހަށިގަނޑު ފެނުނުއިރު އޮތް ސީދާ ލޮކޭޝަނެއްވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.