މިމަހު 17 ވަނަ ދުވަހު އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގާ ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމައިފިއެވެ.
އައްޑޫގައި ހިންގި އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މާރާމާރީ ގުޅިގެން ބެލުމުގެ ދަށަށް ގެންދިޔަ މީހާ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގާ ބަހައްޓަން ކޯޓު އަމުރުކުރި ކަމަށެވެ.
އައްޑޫ ސިޓީގެ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 17 ވަނަ ދުވަހުގެ މެންދުރު 12:08 ހާއިރުއެވެ.
އެ މާރާމާރީގައި އަނިޔާ ވެފައި ވަނީ 29 އަހަރުގެ ފިރހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މާރާމާރީގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެޕާޓްމަންޓްގެ ފޮޓޯތަކާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްތެވެ. އެޕާޓްމަންޓް ތެރޭގަ އާއި ސިޑިމަތީގައި ވެސް ލޭ ހުއްޓެވެ.