ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައިވާ މީހުން އެނގޭނެ ގޮތަށް ޑިޖިޓަލް ޕާސްޕޯޓް ތައާރަފު ކޮށްފިއެވެ.

ކޯވިޑްސޭފް ވެކްސިން ޕާސްޕޯޓަކީ، އެމީހަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްކަމާ، ފުރިހަމަކޮށްފައިވާ ވެކްސިންގެ މައުލޫމާތު ފެންނަން އޮންނާނެ ރަސްމީ، ޑިޖިޓަލް ލިޔުމެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އާ ގުޅިގެން ދަތުރު ކުރުމުގައި އެކި ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ފުރިހަމަކުރުމުން ދޭ ލުއި ލިބުމަށްޓަކާ ޕާސްޕޯޓް އޮތުމުން ފަސޭހަވެގެންދާނެ ކަމަށެވެ.

އަދި ދިވެހި ރާއްޖެއާ ދޭދޭ ގައުމުތަކާ ދެމެދު ވެވޭ އެއްބަސްވުންތަކުގެ ބޭނުމަށް ވެސް ޕާސްޕޯޓް ބޭނުންކުރެވި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް ސޭފް ޕޯޓަލް ބޭނުންކުރާނެ ގޮތް:

  • covidsafe.gov.mv ޕޯޓަލް އަށް ވަނުމުން އައިޑީކާޑު/ ޕާސްޕޯޓު ނަންބަރު ޖެހުމަށްފަހު ފޯނު ނަންބަރު ޖަހަން އަރާނެ
  • އޯޓީޕީ ޖެހުމަށް ފަހު ޕޯޓަލްއަށް ވަދެވޭނެ
  • މައުލޫމާތުތައް ރައްކާތެރިކުރުމަށް ޕޯޓަލް އަށް ވަދެވޭނީ އެޗްޕީއޭ އަށް ކުރިން ދީފައިވާ ފޯނު ނަމްބަރުން އެކަނި
  • އެމީހެއްގެ ކޮވިޑް ސްޓޭޓަސްގެ މައުލޫމާތު ކިއުއާރު ކޯޑަކުން އެހެން މީހުންނަށް ވަކި ވަގުތެއް ވަންދެން ހިއްސާކުރެވޭނެ އަދި ވެކްސިން ސެޓްފިކެޓް ޕްރިންޓުކުރެވޭނެ

އެޗްޕީއޭއިން ބުނީ ކޮވިޑް ސޭފް މެދުވެރިކޮށް އެމީހެއްގެ އެވަގުތުގެ ކޮވިޑް-19ގެ ހާލަތާ، އެމީހެއްގެ ކަރަންޓީން ހާލަތު އަދި އެންމެ ފަހުގެ ކޮވިޑް-19 ޓެސްޓުތަކުގެ ނަތީޖާ ވެސް ފެނިގެންދާނެ ކަމަށެވެ.