ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން ހިންގި ހަމަނުޖެހުންތަކުގައި އޭނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަތިވެރިއަށް ޖާބިރު ވަޑައިގަތުމުން ހިންގި ހަމަނުޖެހުމުގައި އޭނާގެ ގައިގާޖަހާ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 21 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގަތުމާއެކު ރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައި ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ގެސްޓު ހައުސްގެ މައްސަލައާ ގުޅިގެންނެވެ.

ރަސްމީ ކޮށް ޖާބިރުގެ ކުންފުންޏަށް ގެސްޓްހައުސް ހިންގަން ބިމެއް ދީފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް އޭގެ ކުރިން ވެސް އެތަނުގައި ގެސްޓްހައުސް ހިންގަމުން ދިޔަ ފަރާތަށް އެތަން ނުހިންގިގެން ޖާބިރު އެތަން ހިންގާފާވެއެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ މިހާތަނަށް 2 އަހަރުވެފައިވާ އިރު އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.