ދިގުލާ ގޮސްފައި ވާ ހަނގުރާމައިގެ ސަބަބުން ސޫރިއާގެ އިރުއުތުރު ސަރަހައްދުގައި ޖަހާފައި ވާ 2 ކޭމްޕުގައި ފެތުރެމުންދާ ހަމަނުޖެހުންތަކާއި ނުރައްކާތަކާ ގުޅިގެން، އެތައް ހާސް ކުޑަ ކުދިންނެއް "ބޭކާރު" ވަމުން ދާ ކަމުގެ އިންޒާރު، ކުޑަކުދިންގެ ހައްގުގައި ވަކާލާތު ކުރާ އެންޖީއޯއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަންއިން ދީފިއެވެ.

ހަމަ މިއާއެކު އެ އެންޖީއޯއިން ވަނީ، ކޭމްޕުތަކުގައި ދިރިއުޅެން ޖެހިފައިވާ ކުދިން އަނބުރާ، އެ ކުދިންގެ އަމިއްލަ ގައުމުތަކަށް ގެންދިއުމަށް، ގައުމުތަކުގެ ސަރުކާރުތަކުން ފެއިލް ވަމުން ދާ ކަމަށް ބުނެ، އެ ކުދިން އަނބުރާ އަމިއްލަ ގައުމަށް ގެންދިއުމުގެ މަސައްކަތް ހަލުވި ކުރުން، އިހުނަށް ވުރެ ބޮޑު ވެފައި ވާ ކަމަށްވެސް ބުނެފައެވެ.

ސޭވް ދަ ޗިލްޑްރަންއިން މިއަދު އާންމު ކުރި ރިޕޯޓްގައި، އަލް-ހޫލް އަދި ރޫޖް ކޭމްޕުގައި ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސްފައި ވާ ކަން، ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ތައުލީމު ހާސިލު ކުރުމަށް އޮތީ ހަނި ފުރުސަތެއް ކަމަށާ، ކުޑަކުދިން ލައްވާ "އަޅު މަސައްކަތް" ކުރުވާ ނިސްބަތް އިންތިހާ ހަލުވި ކަމާއެކު އިތުރުވަމުން އަންނަ ކަމަށާ، ހަމަނުޖެހުންތައް އިތުރުވެ، މީހުން މެރުގެ ޖަރީމާތައްވެސް އިތުރު ވަމުން އަންނަ ކަމަށް ސޭވް ދަ ޗިލްޑްރަންގެ ރިޕޯޓް ގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޭމްޕުތަކުގެ އާބާދީ 60000 އަށް އަރާނެ ކަމަށް އަންދާޒާ ކުރާއިރު، މީގެ ތެރެއިން 3 ބައިކުޅަ 2 ބައި ހިއްސާ ކުރަނީ ކުޑަކުދިންނެވެ. އަދި މީގެ ތެރެއިން ގިނަ ކުދިންނަކީ، ވަކި މީހެއްގެ ހަވާލުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ވާ ކުދިން ނޫން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

މި އަހަރުގެ މިހާ ހިސާބަށް އައި އިރު، އަލް-ހުލް ރެފިއުޖީ ކޭމްޕުން، 62 ކުއްޖަކު މަރުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޭމްޕުތަކުގައި ކުދިން މަރުވުމުގެ މައިގަނޑު ސަބަބަކަށް ވެފައި ވަނީ އަލިފާނުގެ ހާދިސާތަކެވެ. އަލިފާނުގެ ހާދިސާތަކަށް މަގުފަހި ކުރަނީ ކޭމްޕިތަކުގައި ފިނި ހޫނުމިން ހިފަހައްޓަން ހީޓަރު ބޭނުން ކުރުމުގެ އިތުރުން، ކައްކާ ހެދުމަށް ބޭނުން ކުރަން ޖެހޭ އުނދުންތަކެވެ. އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ގަތުލާއި، ޖިންސީ އަނިޔާއާއި އެނޫންވެސް ޖިނާއީ ޖަރީމާތަކުގެ ޝިކާރައަކަށް ކުޑަކުވިން ވެއެވެ.

ސޫރިޔާގެ ރެފިއުޖީ ކޭމްޕުތަކުގައި ގިނައީ ސޫރިޔާއާއި އިރާގުގެ ރެފިއުޖީން ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 އަކަށް ގައުމުގެ ރައްޔިތުން އެތަނުގައި އެބަތިއްބެވެ. ސޭޗް ޗިލްޑްރަން އިން ބުނާ ގޮތުގައި، މުއްސަނދި ގިނަ ގައުމުތަކަކުން ވަނީ، އެ ކޭމްޕުތަކުގައި ތިބި މީހުންނާ މެދު އިހުމާލުވެފައެވެ. ވަކިން ހާއްސަކޮށް، ކުޑަކުދިންނާއި އެ ކުދިންގެ އާއިލާތައް އަމިއްލަ ވަޒަނަށް ގެންދިއުމުގެ ކަންކަމަށް، ބައިނަލްއަގުވާމީ ގާނޫނުން ލާޒިމުކޮށްފައިވާ ޒިންމާތަކަށް އިހުމާލުވެފައެވެ.

2017 ވަނަ އަހަރުން ފަށައިގެން 1163 ކުއްޖަކު އަނބުރާ އަމިއްލަ ގައުމަށް ގެންގޮސްފައި ވާއިރު، މިއަހަރުގެ މިހާތަނަށް ރިޕެޓްރިއޭޓް ކޮށްފައި ވަނީ 14 ކުއްޖެކެވެ.