ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ސަލާމް މިސްކިތް ރަސްމީކޮށް ހުޅުވަން ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވަޑައިގަތުމަށް ރާއްޖެއިން އުއްމީދު ކުރާ ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހަލީލު ވިދާޅުވެއްޖެއެވެ.
ހަލީލް ސައުދީ އަރަބިއްޔާގެ "އަލް އަރަބިއްޔާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވަން ވަލީއަހްދު މުހައްމަދު ވަޑައިގަންނަވާނެ ކަމަށް ދިވެހިރާއްޖެ އިން އުއްމީދު ކުރައްވާ ކަމަށެވެ. ސަލްމާން މިސްކިތަކީ ރާއްޖޭގައި އަޅައިފައިވާ އެންމެ ބޮޑު މިސްކިތް ކަމަށާއި އަދި މިސްކިތުން ރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.
ސަލްމާން މިސްކިތް މިދިޔަ ރަމަޟާން މަހުގެ ކުރިން ހުޅުވަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އަދިވެސް މަސައްކަތް ހުޅުވޭނެ ސީދާ ތާރީހެއް ސަރުކާރުން އިއުލާނެއް ނުކުރެއެވެ. މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުންޏެވެ. އެކަމަކު، އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.
މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.
ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.