ޒަހަރުގެ ބޭނުން ކުރައްވައިގެން ސައުދީ އަރަބިއްޔާގެ ޢަބްދުﷲ ރަސްގެފާނު އަވަހާރަކޮށްލުމަށް، އެ ގައުމުގެ މިހާރުގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ހުށަހެޅުއްވި ކަމަށް، ސައުދީގެ ކުރީގެ ޖާސޫސީ އިސް އޮފިޝަލު، ސާދު އަލް-ޖަބްރީ ހާމަ ކުރައްވައިފިއެވެ.

ސީބީއެސްއަށް ދެއްވި ބަސްދީގަތުމެއްގައި -އަލްޖާބްރީ ވިދާޅުވީ، ޒަހަރު ބޭނުން ކުރައްވައިގެން ޢަބްދުﷲ ރަސްގެފާނު އަވަހާރަ ކޮށްލުމަށް އެމްބީއެސް ވިސްނެވިކަން ބަޔާން ކުރައްވާފައި ވަނީ އެމްބީއެސްގެ ދެބެންގެ ދެދަރި އާއިލާ މެންބަރަކާ ކަމަށެވެ. އަދި އެކަން ކުރައްވަން ބޭނުންވެވަޑައިގަތީ، އެމްބީއެސްގެ ބައްޕާފުޅަށް، ރަސްކަމުގެ ތަހުތަށް ވާސިލުވެވަޑައިގެންނެވޭ މަގު ތަނަވަސް ކުރެއްވުމުގެ ގޮތުން ކަމަށް އެމްބީއެސް ވިދާޅުވި ކަމަށް އަލް-ޖާބްރީ ވިދާޅުވިއެވެ.

ސައުދީގެ ވެރިކަން ވާރުތަ ވާނެ ބޭފުޅަކު ކަނޑައެޅުމާ މެދު ޝާހީ އާއިލާގެ ތެރޭގައި އޮތީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ.

ސީބީއެސްގެ "60 މިނެޓްސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލް-ޖާބްރީ ވަނީ، އެމްބީއެސްއަކީ ނަފްސާނީ ބަލިމަޑުކަމެއް ޖެހިވަޑައިގެންފައިވާ ގާތިލެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި އެމްބީއެސްއަކީ ހައްދެއް ނެތް މިންވަރަށް ވަސީލަތްތައް ލިބިވަޑައިގެންފައި ވާ ބޭފުޅެއް ކަމަށާ، އެމްބީއެސްއަކީ އޭނާގެ އަމިއްލަ ބޭފުޅުންނާއި،. އެމެރިކާގެ އިތުރުން މުޅި ދުނިޔެއަށްވެސް ހުރި ނުރައްކަލެއް ކަމަށް އަލް-ޖާބްރީ ވަނީ ސިފަ ކުރައްވާފައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ދަރިފުޅު ސަލާހް ޚަޝޯގީ (ވ) ސައުދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވަނީ/ފޮޓޯ: އެންބީސީ ނިއުސް

ޢަބްދުﷲ ރަސްގެފާނު އަވަހާރަކޮށްލުމަށް، އޭރުގެ ދާހިލީ ވަޒީރު އަމީރު މުހައްމަދު ބިން ނިޔާފު ގާތު، އެމްބީއެސް ދެއްކެވި ކަމަށް ބުނާ ވާހަކައިގެ ތަފްސީލު ދެއްވަމުން އަލް-ޖާބްރީ ވިދާޅުވީ، އެކަން ކުރެއްވުމަށް އެމްބީއެސް ގަސްތު ކުރައްވާފައި އޮތި ރަޝިއާއިން ޒަހަރު އަނގޮޓިއެއް ހޯއްދަވައިގެން ކަމަށެވެ.

ސައުދީގެ ދާހިލީ ވަޒީރު ކަމާއި ވަލީއަހުދު ކަމުގެ މަގާމް، އަމީރު ނިޔާފަށް ގެއްލުމާއެކު އަލް-ޖާބްރީ ވަނީ ކެނެޑާއަށް ދަތުރު ކުރައްވާފައެވެ. އޭގެ ފަހުން، އޭނާ މަރާލުމަށް، އެމްބީއެސްގެ ޓީމެއް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގެ އިންޒާރު، މެދުއިރުމަތީގެ ޖާސޫސީ އެކުވެރިއަކު، އޮކްޓޯބަރު 2018 ގައި ދިން ކަމަށް ވެސް އަލް-ޖާބްރީ ވަނީ ހާމަ ކުރައްވާފައެވެ.

އަލް-ޖާބްރީގެ ތުހުމަތުތަކާ ގުޅިގެން ސައުދީގެ ސަރުކާރުން ބުނީ، އަލް-ޖާބްރީއަކީ އިތުބާރު ގެއްލިފައި ވާ ކުރީގެ އޮފިޝަލެއް ކަމަށާ، އޭނާއަކީ ވާހަކަ "ހެދުމުގެ" ދިގު ތާރީހެއް އޮތް މީހެއް ކަމަށް ސައުދީއިން ސިފަކުރާ އޮފިޝަލެއް ކަމަށެވެ. އަދި އެކަމަކީ ފައިސާގެ ހިޔާނާތްތަކެއް ފޮރުވުމަށް އަލް-ޖާބްރީ ކުރައްވާ ކަމެއް ކަމަށް ސައުދީއިން ވަނީ ތުހުމަތު ކޮށްފައެވެ.

ނަމަވެސް އަލް-ޖާބްރީ ވަނީ ސައުދީ ސަރުކާރުގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.