ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމަށް ސިފައިންނާ ހަވާލުކުރި މަސައްކަތް ނިންމައި ތެލެސީމިއާ ސެންޓަރު ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ގައުމީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ސިފައިންނާ ހަވާލުކޮށްގެން ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުމަށް ފެށި މަސައްކަތް ނިންމައި، މިއަދު މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްގެ ޑިޒައިނިން ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައެވެ.

މާލޭގައި ހިދުމަތް ދެމުންދިޔަ ތެލެސީމިއާ ސެންޓަރު ވަގުތީ ގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރަން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިލެއްވުމުގެ މަތިންނެވެ. ކުއްލި މި ނިންމުން ނިންމާފައި ވަނީ ތެލެސީމިއާ ސެންޓަރުން ރަނގަޅު ފެންވަރުގެ ހިދުމަތް ނުލިބޭ ކަމަށ ްބުނެ މިދިޔަ މާޗް މަހުގެ ފަހުކޮޅު ތެލެސީމިއާ ސޮސައިޓީގެ ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެންނެވެ.

އެ މުޒާހަރާއަށް ފަހު ރައީސް މުއިއްޒު ވަނީ އެ ސެންޓަރުގެ ހާލަތު ބައްލަވާލެއްވުމަށް ވަޑައިގެންފައެެވެ. އަދު އެތން ހިންގުމުގައި އިހުމާލުތަކެއް ހުރި ކަން ފާހަގަ ކުރައްވައި ރައީސ ްވަނީ އެތަން ހިންގުމަށް ޑިރެކްތާ ޖެނެރަލް އެއް ނެތި އަހަރުތަކެއް ހޭދަވެފައިވާ ކަން ވެސް ހާމަ ކުރައްވާފައެވެ.

ތެލެސީމީއާ ސެންޓަރު އޮރެންޖް ހިޔާއަށް ބަދލަުކޯށްފަިއވާ އިރު، ތެލެސީމިއާ މޯލްޑިވްސް ބްލަސް ސާވިސް އަށް ޑިރެކްޓާ ޖެނެރލް އެއްް ހޯދުމަށް ވެސް ވަނީ އިއުލާން ކޮށްފައެވެ. އަދި މި އިއުލާން ކުރުމުގެ ކުރިން އެ މަގާމަށް ވަގުތީ ގޮތުން ވަނީ މީހަކު ވެސް އައްޔަން ކޮށްފައެެވެ.

މިއަދު ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމާލާފައިވާ އިރު، މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހެވެ.