ދަނބުކުލައިގެ ހެދުމެއްގައި، ވައްކަޅިން ބަލަން އިން ކުޑަ އަންހެން ކުއްޖާގެ މި ފޮޓޯއަކީ ސޯޝަލް މީޑިއާ މީމްތަކުގެ އަހުލުވެރިންނަށް އާ ފޮޓޯއަކަށް ނުވާނެއެވެ.

ފޮޓޯއިން ތި ފެންނަނީ، މިހާރު އުމުރުން 10 އަހަރުގެ ކްލޯ ކްލެމްއެވެ. ފޮޓޯގައި އެ ވަނީ، އުމުރުން އެންމެ 2 އަހަރުގައި، ޑިޒްނީލޭންޑަށް ކުރި ޒިޔާރަތެއްގައި، އޭނާގެ މާ ބޮޑު ޝައުގެއް ނެތް ޖަޒުބާތުތައް ބަންޑުން ކޮށްލި ވަގުތު، ކްލޯއީގެ މަންނަ ނެގި ވީޑިއޯއެއްގެ ސްކްރީންގްރޭބް ޝޮޓެކެވެ.

އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި މި ފޮޓޯ ރަނިކަން ކުރަން ފެށީ 2013 ވަނަ އަހަރުއެވެ. ކަންބޮޑުވުމާއި ހާސްކަން ބަޔާންކޮށްދޭން ބޭނުންވާ ހާލަތްތަކުގައި އެންމެ ގިނަ ބައެއްގެ އަތްމަތީ ހަތިޔާރަކަށް މި ފޮޓޯ ވިތާ ކިތަންމެ ދުވަހެއް ފާއިތުވެފައި ވާއިރު، ކްލޯއީ މިހާރު ދަނީ މި ފޮޓޯގެ އަސްލު، ނީލަމެއްގައި، އެތައް ހާސް ޑޮލަރަކަށް ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.

ކްލޯއީގެ އާއިލާއިން މި ފޮޓޯ ވިއްކާލަން މަސައްކަތް ކުރަނީ، 5 އެތީރިއަމްއަށެވެ. އެތީރިއަމްއަކީ ކްރިޕްޓޯކަރަންސީގެ ބާވަތެކެވެ. އާންމު ފައިސާއިން އަގު ކުރާނަމަ، އެއީ ގާތްގަނޑަކަށް 15000 ޑޮލަރެވެ.

ޑިޒްނީލޭންޑަށް ކުރި ދަތުރުގައި ކްލޯއީގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތައް ފެންނަ ވީޑިއޯވެސް އިންޓަނެޓަށް ދޫކޮށްލާފައި ވާއިރު، 20 މިލިއަނަށްވުރެ ގިނަ ވިއުޒް، އެ ވީޑިއޯއަށް ލިބިފައިވެއެވެ.

ކްލޯއީގެ މަންމަ ބުނި ގޮތުގައި، އޭނާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ވާ އެކި މީމްތައް އަދިވެސް އޭނާއަށް ލިބެއެވެ.