މިދިޔަ ހުކުުރު ދުވަހު އިޓަލީގައި މަރާލި ހދ. ނޮޅިވަރަންފަރު އިމާދު މަހުމޫދުގެ މަރާ ގުޅިން ރަސްމީ އިދާރާއަކުން ޖަވާބެއް ނުލިބޭ ކަމަށާއި އަދިވެސް ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިމާދުގެ އާއިލާ މެންބަރަކު ބުނީ އިމާދުގެ މަރުގެ ހަބަރު ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ޕޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށާއި އަދި އެހެން ނަންބަރުތަކަށް ގުޅައިގެންވެސް ދޭން މަސައްކަތް ކުރި ކަަމަށެވެ. އަދި އެ ރޭ ފޮރިން މިނިސްޓްރީގެ އީ މެއިލްއަށް އިމާދުގެ މައުލޫމާތާ އެކު އެކަން އަންގާފައި ވާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ހެނދުނު އެ މިނިސްޓްރީން ގުޅާ މެއިލް ލިބިފައި އޮތް ކަމަށް ބުނެ، ބޭނުން ވަނީ ކޮންކަމެއްތޯ އޮޅުން ފިލުވާފައިވާ ކަމަށް އިމާދުގެ އާއިލާއިން ބުނެއެވެ. އާއިލާއިން އެދުނީ އިމާދުގެ ހަށިގަނޑު ގެނެވޭ ކަމަށް ވަނީ ނަމަ އެ މިނިސްޓްރީގެ އެހީތެރިކަމާ އެކު ގެނެސްދިނުމާއި ބައެއް ނޫސްތަކުގައި އިމާދު މަރާލާފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް ރިޕޯޓުކޮށްފައި ވާތީ އެކަމުގެ ތެދު ދޮގު ޔަގީން ކުރަންށެވެ. އެ މިނިސްޓްރީން އެދުނީ ބޭނުންވާ ކަންތައްތައް އެ މިނިސްޓްރީއަށް މެއިލް މެދުވެރިކޮށް ހިއްސާކޮށްދިނުމަށް ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި އިމާދު މަރުވި ސަބަބާއި އޭނާގެ ފޮޓޯ ހޯދާ ދިނުމަށް ވެސް އެ މެއިލްގައި އާއިލާއިން އެދިފައިވާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އިމާދުގެ ހަށިގަނޑު ގެނެވޭނީ ފުލުހުންގެ ތަހުގީގާއި ޕޯސްޓްމޯޓަމް ހެއްދުމަށް ފަހުއެވެ. އެހެންނަމަވެސް މާލީ ގޮތުން އެފަދަ ތަނަވަސްކަން ނެތުމުން ސަރުކާރުގެ އެހީއަކަށް އާއިލާއިން ވަނީ އެދިފައެވެ.

ފޮރިން މިނިސްޓްރީއަށް ގުޅޭ ކަމަށާއި ޖަވާބު ދޭ ކަމަށް އާއިލާއިން ބުނެއެވެ. އެހެންނަމަވެސް އިމާދުގެ މަރާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން އަދި ޖަވާބެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީއާ ހަވާލާދީ އިމާދުގެ އާއިލާއިން ބުނެއެވެ.

އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމާ އެކު ޔޫކޭގެ އެންބަސީ މެދުވެރިކޮށް މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓްރީ ބުނާތާ މިހާ ދުވަސް ވީއިރު ޖަވާބެއް ލިބިފައި ނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހާރިޖީ ގުޅުންތައް ކުރިއަށް ވުރެ މިހާރު ވަރުގަދަކަމަށް އަޑުތަކާއި ނޫސްތަކުން ފެންނައިރު އިމާދުގެ މަރާ ގުޅިގެން އަދި މިހާތަނަށް ޖަވާބެއް ލިބިފައި ނުވުމަކީ ކަންބޮޑުވާކަމެކެވެ.

މަރުގެ ބާވަތުން ލަސްވާނެ ކަން އެނގޭ ކަމަށާއި އެހެންނަމަވެސް މިހާ ދުވަސް ވާއިރު ކޮންމެވެސް ޖަވާބެއް ލިބެން ޖެހޭނެ ކަމަށް އާއިލާއިން ގަބޫލު ކުރެއެވެ.

އިޓަލީގައި މަރުވެފައި ހުއްޓާ ފެނުނު ހދ. ނޮޅިވަރަންފަރު އިމާދު މަހުމޫދު

އާއިލާއިން ވަނީ އިމާދުގެ މަރުގެ ހަބަރާ އެކު އެންމެ ބޮޑަށް އަސަރުކުރި އާއިލާގެ މެންބަރުންނަށް ޕޮލިސް ވިކްޓިމް ޑިޕާޓްމަންޓުން ދިން އެހީ ފާހަގަ ކޮށްފައެވެ. އަދި އިމާދުގެ ހަށިގަނޑު ރާއްޖެ ގެނެވިއްޖެ ނަމަ ފުލުހުންގެ އެހީއާއި އެއްބާރުން ދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

"ދަ ޕްރެސް" އަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އިމާދުގެ މަރާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އަދި އިމާދުގެ އާއިލާއާ ގުޅައިގެން ކުރިއަށް ދިއުމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

އިމާދު އިޓަލީގައި ދިރިއުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ގަޑިން މެންދުރު 12 ޖަހާ ހާއިރު ފެނިފާ ވަނީ އޭނާގެ އަންހެނުންގެ މަންމައަށެވެ. ފެނުނު އިރު އިމާދު ހުރީ އެ ގޭގެ ގޯތިތެރޭގައި ގަސް ހެއްދުމަށް ޖަހާފައި ހުރި އެއްޗެއްގައި ދަންޖެހިފައެވެ. އިމާދު ދަންޖެހިފައި ހުރި އިރު އޭނާގެ ގައިން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެހެންނަމަވެސް އޭނާގެ ފޯނު އޮތީ ހަލާކުކޮށްލާފައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.