އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު މީހުންނަށް ހާއްސަކޮށްގެން "އަހަރެންގެ ހިޔާ" ގެ ނަމުގައި އާ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

އެލައިޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލައިޑް ޖެނެރަލް މެނޭޖައު އިބްރާހިމް ފިރުޝާން ވިދާޅުވީ އަޔާދީން މިޕްލޭން ތައްޔާރުކޮށްފައި ވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގަ އެވެ. މި އިސްލާމިކް އިންޝިއުރެންސް ޕްލޭންގެ ދަށުން ދައްކަން ޖެހޭނީ އަހަރަކަށް އެންމެ 200 ރުފިޔާއެވެ.

"އަހަރެންގެ ހިޔާ"ގެ ބޭސިކް ޕްލޭނުން އެކަނި ވެސް 150،000 ރަފިޔާ އައި ހަމައަށް ރައްކާތެރިކަން ޔަގީންކުރެވެއެވެ. ބޮޑު ހަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ފަހު ފްލެޓަށް ވަންނަ އިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމުކަމުގައި ފިރުޝާން ވިދާޅުވިއެވެ.

އަޔާދީގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ޖީބަށް ލުއި އަދި ޕްލޭން ނެގުމުގައި ވެސް ފަސޭހަތައް ހިމެނޭ ޕްލޭނެއް ކަމަށެވެ. ފަރީދާ ވިދާޅުވީ މި ޕްލޭންތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކްލަބްހައުސް ސެޝަންއެއް މި ރޭ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަހަރެންގެ ހިޔާ"ގެ ނަމުގައި ތައާރަފުކުރި އިސްލާމިކް އިންޝުއަރެންސް ޕެކޭޖުގައި 3 ބާވަތެއްގެ ޕްލޭނެއް ހިމެނެއެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި ވައްކަން އަދި ގުދުރަތީ ކާރިސާތަކުން ގޭތެރޭގެ ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން އެހެނިހެން ހާލަތްތަކަށް ވެސް "އަހަރެންގެ ހިޔާ"ގެ ޕްލޭންތަކުން ރައްކާތެރިކަން ހޯދޭނެއެވެ.

މި ޕްލޭންތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ކްލަބްހައުސް ސެޝަނެއް މިރޭ 9 ޖަހާއިރު ބާއްވަން ވަނީ ހަމަޖެހިފައެވެ.