މުދަލުގެ ވާރުތަ ހޯދުމުގެ ދަހިވެތި ކަމުގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި، ސްރީލަންކާއިން ވިޔަފާރިވެރިއަކު ހައްޔަރު ކޮށްފިއެވެ.

ބޮރަލެސްގަމުވާ ފުލުހުން ވަނީ ވިޔަފާރިވެރިޔާ އޭނާގެ އަނބިމީހާ މަރާލުމަށް ބޭނުން ކުރި ބާލީހާއި ބެޑްޝީޓް ފަދަ ތަކެތިވެސް ހޯދާފައެވެ. މި ތަކެތި ވަނީ ކޮންމެވެސް ވަރަކަށް އަނދާލާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަރަލާފައި ވަނީ ބޮރަލެސްގަމުވާގައި ދިރިއުޅެމުން އައި، އުމުރުން 45 އަހަރުގެ ކަލާނީ ޔަސިންތާ މަޕަލަގަމާ ނަމަކަށް ކިއާ މީހެކެވެ. މި ދެމަފަރިންގެ، 13 އަހަރުގެ ފިރިހެން ދަރިއަކާ، 6 އަހަރުގެން އަންހެން ދަރިއަކު ހުރެއެވެ.

މަރާލި އަންހެން މީހަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި ގޭގައި ފަރުވާވެސް ހޯދަމުން ދިޔަ މީހެއް ކަމަށް ހަބަރު ލިބެއެވެ.

ފުލުހުން ބުނި ގޮތުގައި، ނިދީގައި އަނބިމީހާ މަރުވެފައި ވާ ކަމަށް ބުނެ، ޅިޔަނަށް އެ ހަބަރު ދިނީ ފިރިމީހާއެވެ. ދެމަފިރިން ދިރިއުޅެމުން ދިޔަ ގެޔަށް ޅިޔަނު އައިސް، ކަލާނީގެ ހަށިގަނޑު ގޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ހެދި ކަމަށް ވެއެވެ. އަދި އަންހެން މީހާ މަރުވެފައި ވާ ކަމަށާ، ކޮވިޑަށް ޕޮޒިޓިވް ކަން ހޮސްޕިޓަލުން ކަށަވަރު ކުރިއެވެ.

ނަމަވެސް ގޯހެއް އުޅޭ ކަމަށް ޅިޔަނަށް ޝައްކު ވަމުން ދިޔައީ، ވާހަކަ ދެއްކެމުގެ ތެރޭގައި، ފިރިމީހާގެ ފަރާތުން ފެނުނު އަމަލުތަކެއްގެ ސަބަބުންނެވެ. އެގޮތުން، އޭނާގެ ކަރުގައި ހުރި ޒަހަމެއް ފޮރުވުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ވެއެވެ.

ކަމާ ބެހެ ފަރާތްތަކަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އަންހެން މީހާގެ ހަށިގަނޑުގައި އޮޓޮޕްސީ ހެދިއެވެ. އަދި އަންހެން މީހާ މަރުވީ އަނގަޔާއި ނޭފަތް ނިވާކޮށް ހާސްކޮށްލައިގެން ކަމަށް ވަނީ ދެނެގަނެވިފައެވެ.

މިކަމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުން، މަރާ ގުޅޭ އިތުރު ހޯދުންތަކެއްވެސް ވަނީ ހޯދިފައެވެ. އަދި އަންހެން މީހާ މަރަލާފައި ވަނީ، އޭނާގެ މުދަލުގެ ބޭނުމުގައި ކަމަށާ، ފިރިހެން މީހާ ދިޔައީ އެހެން މީހަކާ ކައިވެނީގެ ގޮތުން ގުޅުމަށް މަސައްކަތް ކުރަމުން ކަމަށްވެސް ހޯދިފައި ވާ ކަމަށް، ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.