ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ހިންގަމުން އަންނަ ވެކްސިން ކެމްޕޭންގެ ތެރެއިން، 2 ޑޯޒް ފުރިހަމަ ކޮށްފައި ވާ ފުރިހަމަ ކޮށްފައި ވާ ފަރާތްތަކަށް ބޫސްޓާ ޑޯޒް ޖެހުމަށް، ފައިޒާ ކުންފުންޏަށް އަވަށްޓެރި ސްރީލަންކާއިން ބޮޑު އޯޑަރެއް ދީފިއެވެ.

ކޮވިޑުން ދިފާއުވުމަށް ފައިޒާ/ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިނަކީ 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންކަށް ވީ ނަމަވެސް، 3 ވަނަ ޑޯޒްއެއް ނުވަތަ ބޫސްޓާ ޑޯޒްއެއް ބޭނުން ވާ ކަމަށް ބުނެ، ސްރީލަންކާއިންވެސް ދަނީ އެ އަމާޒަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް، މިހާރުވެސް ފައިޒާ ކުންފުންޏަށް 14 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިނަށް އޯޑަރު ދީފައި ވާ ކަމަށް، ސްރީލަންކާގެ ޗެއާމަން އޮފް ދަ ފާމަސޫޓިކަލްސް ކޯޕަރޭޝަން، ޑރ ޕްރަސައްނާ ގުނަސޭނާ ވަނީ ވިދާޅުވެފައެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ ގުނަސޭނާ ވިދާޅުވީ، 14 މިލިއަން ޑޯޒްގެ ފައިޒާ ކޮވިޑް ވެކްސިނަށް ވާ އެޑްވާންސް ފައިސާވެސް މިހާރު ދައްކާ، ހަލާސް ކޮށްފައި ވާ ކަމަށެވެ. އަދި ވެކްސިނަށް ބޭނުންވާ ފައިސާގެ ޖުމުލަ އަދަދު ހަލާސް ކުރާނީ، ވޯލްޑް ބޭންކުން، އޮކްޓޯބަރު 1 ވަނަ ދުވަހު ކަމަށްވެސް ޑރ ގުނަސޭނާ ވަނީ ވިދާޅުވެފައެވެ.

ބޫސްޓާ ޑޯޒްއެއް ޖަހަން ޖެހޭ ކަމަށް ސްރީލަންކާގައި ނިންމީ، ގައިން ގަޔަށް އަރާ ބަލިތަކާ ވެކްސިންތަކާ ބެހޭ ތަޖުރިބާކާރުންގެ ކޮމިޓީއިން މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށެވެ.

ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހުމަށް ދުނިޔޭގެ ފެންވަރުގައި ރޭހެއް ފަށާފައި ވާއިރު، މިކަމަށް އެންމެ ގަދަ އަޅާ މަސައްކަތް ކުރަނީ ތަރައްގީ ވެފައި ވާ، ހުޅަނގުގެ މުއްސަނދި ގައުމުތަކުންނެވެ. އިޒްރޭލުން ވަނީ ބޫސްޓާ ޑޯޒް ޖަހަންވެސް ފަށާފައެވެ. ކަން މިހެން އޮތް އިރު، އަންނަ އަހަރުގެ ނިޔަލަށް މިކަން މަޑު ޖައްސާލުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެހެނީ، ފަގީރު ގައުމުތަކުގައި އަދި އެންމެ ޑޯޒްއެއްވެސް ނުލިބޭ މީހުންގެ އަދަދު އިންތިހާއަށް ތިބުމެވެ.