ކުރިމަތިލާން ޖެހިފައި ވާ އެކި ގޮންޖެހުންތަކުގައި ހަތިޔާރުގެ ބާރުވެރި ކަމުގެ މައްޗަށް ބަރޯސާވެފައި އޮންނަ އޮތުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ފާޑު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ހައިސިއްޔަތުން، އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގެ ތަޅުމުގައި ތަގުރީރު ކުރައްވަމުން ބައިޑަން ވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ، މޫސުމީ ނޭދެވޭ ބަދަލުތަކާ، ސައިބާ ހަމަލާތައް ފަދަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ބައިނަލްއަގުވާމީ ޑިޕްލޮމަސީ ހިޔާރު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ބައިޑަންގެ ތަގުރީރު ސިފަ ކުރެވިގެން ދިޔައީ، އޭނާގެ ކުރިން ހުންނެވި މަހުޖަނު ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރޫހާ މުޅިން ހިލާފު ޝަހްސެއްގެ ގޮތުގައެވެ. ޓްރަމްޕްގެ ޒައާމަތުގައި އދގެ އެކި އިދާރާތަކުން އެމެރިކާ ވަކި ކުރެއްވި މަންޒަރު ފެނިގެން ދިޔަ ނަމަވެސް، ބައިޑަން ވަނީ، އެމެރިކާ އަލުން އަނބުރާ، ބައިނަލްއަގުވާމީ މަޝްވަރާގެ މޭޒު ދޮށަށް ހާޒިރު ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

ދިފާއަށްޓަކާ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ބާރު ލައްވާ ވިދާޅުވަމުން ބައިޑަން ވަނީ، އަސްކަރީ ބާރުވެރިކަމަކީ، އެންމެ ފަހުގެ ހަތިޔާރަށް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަކީ ހަތިޔާރަކުން ހައްލު ހޯދޭނެ މައްސަލަތަކެއް ނޫން ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމުގައިވެސް ޑިޕްލޮމަސީ އިސްކުރުމަށް ބައިޑަން ވަނީ ބާރު އަޅުއްވާފައެވެ. އަދި ވަކިވެފައި ވާ މިނިވަން 2 ދައުލަތުގެ ގޮތުގައި ފަލަސްތީނާއި އިޒްރޭލު އުފެދުމަށް އެމެރިކާ ތާއީދު ކުރާ ކަމަށްވެސް ބައިޑަން ވަނީ ފާހަގަ ކުރައްވަފައެވެ. ނަމަވެސް އިޒްރޭލުގެ ސަލާމަތާއި ދިފާއަށް އެމެރިކާއިން ދޭ ހާއްސަ ކަމަކީ، ސުވާލު އުފައްދާނެ ޖާގައެއް އޮތް ކަމެއް ނޫން ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މި ރޫހުގައި ތަގުރީރު ކުރިއަށް ގެންދަވަމުން ބައިޑަން ވިދާޅުވީ ބޮމާއި ބަޑިއަކުން، ކޮވިޑް-19އާ ދެކޮޅަށް ނުވަތަ އަންނަން ހުރި ވޭރިއަންޓްތަކާ ދެކޮޅަށްވެސް ލިއްބައިދޭނެ ދިފާއެއް ނޯންނާނެ ކަމަށެވެ. ބަލިމަޑުކަމާ ދެކޮޅަށް ހަރަކާތްތެރިވުމަށް ބޭނުންވަނީ ސައެންސްއާއި ސިޔާސީ އަޒުމެއް ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ނުސީދާ ގޮތުން ޗައިނާއަށް ދެއްވި މެސެޖެއްގައި ބައިޑަން ވަނީ، އެމެރިކާގެ އިސްތިރާޖީ ވާދަވެރިންނާ ދެކޮޅަށް ފިނި ހަނގުރާމައެއް ކުރުމުގެ ރޫހެއް އެމެރިކާގައި ނެތް ކަމަށް ވިދާޅުވެފައެވެ. ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ސުލްހަވެރި ރޫހެއްގައި އިސްނަގައިގެން ތެދުވާ ކޮންމެ ގައުމަކާއެކުގައިވެސް މަސައްކަތް ކުރަން، އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ.

މިއީ ފާއިތުވީ 20 އަހަރު ދުވަހު ދުވަހުގެ ތެރޭގައި، ހަނގުރާމައެއް ކުރަމުން ނުދާ ހާލު، އެމެރިކާއިން އދގެ ޕޯޑިއަމްގައި ތަގުރީރެއް އިއްވި ފުރަތަމަ ފަހަރުވެސް މެއެވެ.