މިއަދު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އަސްލަމް ވިދާޅުވީ، ޖާބިރު ރަށަށް މިއަދު ވަޑައިގަތުމާއެކު ރަށުގެ ރައްޔިތުން ނުކުމެ މުޒާހަރާ ކޮށްފައި ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ގެސްޓު ހައުސްގެ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަފްސީލް ކޮށްދެއްވަމުން އަސްލަމް ވިދާޅުވީ، ރަސްމީ ކޮށް ޖާބިރުގެ ކުންފުންނަށް ގެސްޓްހައުސް ހިންގަން ބިމެއް ދީފައި ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށެވެ. ނަމަވެސް އޭގެ ކުރިން ވެސް އެތަނުގައި ގެސްޓްހައުސް ހިންގަމުން ދިޔަ ފަރާތަށް އެތަން ނުހިންގިގެން ޖާބިރު އެތަން ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ. ޖާބިރަށް އެތަން ކުއްޔަށް ދިންތާ މިހާތަނަށް 2 އަހަރުވެފައިވާ އިރު އެތަނުގެ ކުލީގެ ގޮތުގައި މިހާތަނަށް 4.7 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަތިވެރި ޕޮލިސް ސްޓޭޝަން ތެރޭގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

އެހެންކަމުން މިއަދު މަތިވެރި ރައްޔިތުން ނުކުމެފައި ވަނީ ޖާބިރު އެ ފައިސާ ނުދައްކާޥަތީ ކަމަށް އަސްލަމް ވިދާޅުވެއެވެ. އަދި ރައްޔިތުންގެ ޝުއޫރު ފާޅު ކުރުމަށް މި ވަގުތު އެއްވެފައި ތިބީ ފުލުސް އޮފީސް ކުރިމަތީގައި ކަމަށް ވެސް އަސްލަމް ވިދާލުވިއެވެ.

މުޒާހަރާއަށް ނުކުތް ރައްޔިތުން ޖާބިރަށް އެއްވެސް އަނިޔާއެއް ކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އަސްލަމް ވިދާޅުވިއެެވެ. މުޒާހަރާގެ ބައިވެރިންގެ ތެރޭގައި ޖާބިރުގެ ގެސްތްހައުސްގައި މަސައްކަތްކުރި މުވައްޒަފުން ވެސް ހިމެނޭ ކަމަށާއި އެ މުވައްޒަފުންނަކީ އެތައް މަހެއްގެ މުސާރަވެސް ނުލިބި ތިބި މީހުން ކަަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ، އެ ގެސްޓްހައުސް ހިންގަން ޖާބިރަށް އެ ބިން ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ ގަވާއިދާ ހިލާފަށް ކަމަށާއި ކުއްޔަށް ދިން އިރު ކައުންސިލަށް އެކަން އަންގާފައި ނުވާ ކަމަށެވެ. އަދި ޖާބިރު ދޭން ޖެހޭ ފައިސާ ނުލިބޭތީ ޓޫރިޒަމް މިނިސްޓްރީއަށާއި ރިޗް ކުންފުންޏަށް ވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވާފައި ވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

އެ ރަށުގައި މިހާރުވެސް ދަނީ ރައްޔިތުން މުޒާހަރާ ކުރަމުންނެވެ. މިހާރު މަތިވެރިއަށް ވަނީ އއ. ރަސްދޫން އެސްއޯ ފުލުހުންގެ ޓީމެއްވެސް ގޮސްފައެވެ.

މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު "ކާސާ މިއާ މޯލްޑިވްސް" ގެ ނަމުގައި ތަނެއް ހުޅުވިއެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.

އެކަމަކު، ގެސްޓް ހައުސްގެ ވެރިންގެ މެދުގައި ޖެހުނު މައްސަލައެއް ހައްލު ނުވެ އޮއްވައި، އެ ތަން ވަނީ ޖާބިރުގެ ރިޗް ކްލަބަށް އެ އިންވެސްޓްމަންޓް ވިއްކާލާފައެވެ.

2019 ވަނަ އަހަރުތެރޭ މަތިވެރީގައި އެ ގެސްޓް ހައުސްގައި ވަނީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައެވެ. އޭރުވެސް އެ ގެސްޓް ހައުސްގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބައެއް މީހުން ބުންޏެވެ.