ފަލަސްތީނު މިނިވަން ކޮށްދީގެން ދުނިޔޭގެ އެހެން ގައުމުތަކަށް މަދުވަނީ ކޮން އެއްޗެއްތޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސުވާލު ކުރައްވައިފިއެވެ.
އދ ގެ އާއްމު މަޖިލީހުގެ 76 ވަަނަ ދައުރު ފެށުމުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި ސަރުކާރާ ދިވެހި އެންމެހާ ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށެވެ.
އދ ގެ އެތައް އަހަރެއްގެ މަސައްކަތުން ވެސް އެމީހުންގެ ހައްގުތައް ވަނީ ކަށަވަރު ކޮށްނުދެވި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނުގެ އަންހެން ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްގު ތަކުރާރުކޮށް ނިގުޅައިގަންނަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައް ބަޔަކު، އެތައް ގައުމަކުން ފަލަސްތީނުގެ ހައްގުގައި އެ ނުކުންނަނީ، ބޭއިންސާފާއި ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުން ކަމަށެވެ.
ރައީސް ވަނީ އދ ގެ އާންމު މަޖިލީހާ، ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްގުގައި ނެރުނު ގަރާރުތަކާ، ނިންމުނު ނިންމުންތައް ގިނަކަން ފާހަގަ ކުރައްވާފައެވެ. އަދި އަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު ކަން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރުމުގައި ދިވެހިން އަބަދު ވެސް ދެމިތިބޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްގާނިސްތާނުގެ މިއަދުގެ ހާލަތާމެދު ކަންބޮޑުވާކަމަށް ވެސް ވިދާޅުވިއެވެ. އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާން ބޭނުންފުޅުވާ ކަމަށާ، އަންހެނުންނާ އަންހެން ކުދިންގެ ހައްގުތަކާއި ސަލާމަތާ ހިމާޔަތް އެގައުމުގައި އޮތުމަށް އެދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެކަންކަން ކަށަވަރުކުރުމަށް ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އެގައުމުގައި އޮތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަގުން ގޮސް އަފްގާނިސްތާނަކީ ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި ހުރިހާ މާނައެއްގައި ކުރިއަރައިދާ، ސުލްހަވެރި އަމާން ގައުމަކަށް ވެވިދާނެ ކަމަށެވެ.