ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހުގެ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާކޮށްފައިވާ އަދުހަމް އަހުމަދު ރަޝީދަށް ކުށަށް އިއުތިރާފްވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި އަދުހަމްގެ ޝަރީއަތް މިއަދު ވަކި ހިސާބަކަށް ކުރިއަށް ގެންދިއުމަށް ފަހު އަދުހަމާއި ދައުލަތުން ވެސް އެދިގެން ޝަރީއަތް ވަނީ ސިއްރުކޮށްފައެވެ.

މި މައްސަލަ ބަލަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އާދަމް މުހައްމަދު، ފަނޑިޔާރު މުހައްމަދު މިސްބާހް އަދި ފަނޑިޔާރު ސޮފްވަތު ހަބީބެވެ.

ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު (26) ގެ މައްޗަށް 3 ދައުވާއެއް ކުރެއެވެ. އެއީ ޓެރަރިޒަމް އަމަލެއްކުރުމުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެއްގެ އިތުރުން ޓެރަރިޒަމް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެކެވެ.

މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެއެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާގެ އަށް 23 އަހަރުގެ ހުކުމަކަށް އެއްބަސްވީއެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއްވެ އެ ވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވިއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސްވެފައެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާކޮށްފައެވެ. އެއީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ.