ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ އަދި ބައޮއެންޓެކް ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިން، އުމުރުން އެންމެ 5 އަހަރުގެ ކުދިންނަށްވެސް ރައްކާތެރި ކަމަށާ، ދިފާއީ އިޖާބަ ފެނިފައި ވާ ކަމަށް ހަބަރު ފެތުރެމުން ދާއިރު، މި އުމުރުގެ ކުދިންނަށް ރައްކާތެރީ ބޮޑެތި މީހުންނަށް ޖަހާ ޑޯޒްގެ ކުޑަ މިންވަރެއް ކަމަށް އެ ކުންފުނިތަކުން ހާމަކޮށްފިއެވެ.

ކުޑަކުދިންނަށް ރައްކާތެރި ކޮވިޑް ވެކްސިނެއް ދެނެގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ދިރާސާތަކެއް ކުރިއަށް ދާ އިރު، ކުލިނިކަލް ޓްރަޔަލްގެ 3 މަރުހަލާގެ ތެރެއިން 2 ވަނަ މަރުހަލާގެ ނަތީޖާތަކަށް ބިނާކޮށް، ފައިޒާ/ބައޮއެންޓެކުން އާންމު ކުރި މައުލޫމާތުގައި ބުނެފައި ވަނީ، ބޮޑެތި މީހުންނަށް ޖަހާ ވެކްސިން ޑޯޒްގެ 3 ބައިކުޅަ 1 ބައި، އުމުރުން 5 އަހަރުގެ ކުދިންނަށް ރައްކާތެރި ކަމަށެވެ.

ފައިޒާގެ ކޮވިޑް ވެކްސިނަކީ، ސްކޫލަށް ދާ އެންމެ ހަގު އުމުރު ފުރައިގެން ކުދިންނަށްވެސް ބޭނުން ކުރެވޭނެ، ރައްކާތެރި ވެކްސިނެއް ތޯ ބެލުމަށް، ގިނަ ބެލެނިވެރިންތަކެއް ވަނީ ކެތްމަދުވެފައެވެ. ފައިޒާ ކުންފުނިން ވަނީ، އުމުރުން އެންމެ 5 އަހަރުގެ ކުދިންނަށްވެސް އެކުންފުނީގެ ވެކްސިން ބޭނުން ކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކާ، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަ ހޯދުމަށްޓަކާ، ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހަޅަން ރާވަމުން އަންނަކަން ހާމަކޮށްފައެވެ.

އެމެރިކާއިން ވަނީ، އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ހުއްދަ ދިނުމުގެ ފެހި ސިގުނަލް، އަން މަހު ފަހުކޮޅަށް ލިބޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

ކްލިނިކަލް ޓްރަޔަލްގެ 2 ވަނަ މަރުހަލާގައި، އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ 2268 ކުއްޖަކު ބައިވެރި ކޮށްފައި ވާއިރު، 2 ޑޯޒް ފުރިހަމަ ކުރީ 21 ދުވަހުގެ ތެރޭގައެވެ. 12 އަހަރުން މަތީގެ ކުދިންނާއި ބޮޑެތި މީހުންނަށް ދެމުން އަންނަ 30 މައިކްރޯގްރާމް ޑޯޒްގެ ބަދަލުގައި، މި އުމުރުގެ ކުދިންގެ ހަށިގަނޑަށް ޖަހާފައި ވަނީ 10 މައިކްރޯގްރާމްގެ ޑޯޒްއެވެ.

ރާއްޖޭގައިވެސް އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ޖަހަމުން އަންނަނީ ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިނެވެ.