ހުޅުމާލޭގައި އާންމުންނަށް ދަނޑު ހެއްދޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީ ކުރި "އާބަން ފާމިން" މަޝްރޫއު މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އާބަން ފާމިންގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އާއި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައި ސަރަހައްދު ހުޅުވައިދެއްވީ މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަންއެވެ. މި ހަފުލާގައި މިނިސްޓަރުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އަދި ޔޫއެންޑީޕީ ގެ ރެސިޑަންޓް ރިޕްރެސެންޓޭޓިވް ދަ މޯލްޑިވެސް ވޭރާ ހާކިމް ވަނީ ބައިވެރިވެފައެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހައްދަން ހާއްސަ ސަރަހައްދެއް ކަނޑައަޅައި މަޝްރޫއެއް ހިންގަން ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަންހެނުން ބާރުވެރި ކުރުވުމުގެ ބޭނުމުގައެވެ.

އާބަން ފާމިންއަށް ޖާގަ ހަމަޖައްސާފައި ވަނީ ހުޅުމާލެ ނެއިބާހުޑް ތިނަކުންނެވެ. އެގޮތުން 16 ޕްލޮޓަށް ބަހާލައިގެން ތިން ގްރޫޕެއްގެ މީހުންނަށް ވަނީ އެ ޕްލޮޓުތައް ހާއްސަ ކޮށްފައެވެ.

16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް މިނިސްޓްރީ އޮ ފްފިޝަރީސް، މެރިން ރިސާޗް އެންޑް އެގްރިކަލްޗާ، ބީސީސީ އަދި އެގްރޯނެޓްގެ ފަރާތުން ވަނީ ތަމްރީން ޕްރޮގްރާމްއެއް ހިންގާފައެވެ.

މި މަޝްރޫޢުއަކީ އެޗްޑީސީ އާއި ޔޫއެންޑީޕީ އާއި ގުޅިގެން ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމްއެވެ.