ޖެންޑާ މިނިސްޓްރީގެ ދަށުން 13 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އިން މިފަދައިން ބުނީ ފިޔަވަތިން ކުއްޖަކު އެނދެއްގައި ނެރެ އެމްބިއުލާންސްއަށް ލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވާތީއެވެ. އަދި އެ ވީޑިއޯ ސޯސަލް މީޑިއާގައި ހިއްސާކުރި މީހާ ވަނީ ފިޔަވަތީގައި "ރަޔަޓެއް" ހޫނުވެ ކުޑަކުއްޖަކު އިމަޖެންސީގައި އިތުރު ފަރުވާއަށް ގެންގޮސްފި ކަމަށް ބުނެފައެވެ.

އެ ކަމާ ގުޅިގެން ޖެންޑާއިން ބުނީ ފިޔަވަތީގައި އެއްވެސް “ރަޔަޓެއް” ހިންގާފައި ނުވާ ކަމަށެވެ. އަދި އެމްބިއުލަންސްގައި ގެންދާ ކުއްޖާ އަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމުން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދާ ކުއްޖެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ވަނީ ފުރާޅު މައްޗަށް އަރާ އެތަނަށް ބައެއް ގެއްލުންދީފައެވެ. އަދި ފިޔަވީގައި އަލިފާން ވެސް ރޯކޮށްލިއެވެ.

ފިޔަވަތީގެ ހާލަތާއ ގުޅިގެން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުވެސް ވަނީ އެތަނަށް ޒިޔާރަތް ކުރައްވާ ތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ޙާލަތު ބައްލަވާލައްވާފައެވެ.