މަޝްހޫރު މަހުޖަނު އީލޯން މަސްކުގެ ސްޕޭސް އެކްސް ކުންފުނިން، ފުރަތަމަ ފަހަރަށް، އާންމު ފަތުރުވެރިން ގޮވައިގެން ޖައްވަށް ކުރި ދަތުރު، ކަމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މަދަނީ 4 ފަޅުވެރިންނާއެކު ސްޕޭސްއެކްސްއިން އިންސްޕިރޭޝަން4 ގެ ނަމުގައި ކުރިއަށް ގެންދިޔަ މިޝަން ނިންމާލުމަށްފަހު، ޖައްވީ އުޅަނދު ތިރި ކޮށްފައި ވަނީ އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށެވެ.

ޖައްވު ތެރޭގައި 3 ދުވަސް ހޭދަ ކުރުމަށް ފަހު، ކާމިޔާބު ކަމާއެކު ނިންމާލި މި މަޝަންއަކީ، ޖައްވީ އުދުހުންތަކުގެ ތާރީހުގައިވެސް ޕްރޮފެޝަންލް ފެންވަރުގެ އެސްޓްރޮނޯޓެއް ނުވަތަ ޖައްވީ ފަޅުވެރިއަކާ ނުލާ ކުރި މިފަދަ ފުރަތަމަ ދަތުރެވެ.

މި ދަތުރަށް ފަންޑު ކުރީ ބިލިއަނަރު ކެޕްޓަން ޖެއާޑް އައިޒަކްމަންއެވެ. މި ދަތުރަށް އޭނާ ހޭދަ ކުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން ރަސްމީ ކޮށް އަދި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ޓައިމް މެގަޒިންއިން ބުނާ ގޮތުގައި، އިތުރު 3 މީހުންނާއެކު ކުރި މި ދަތުރުގެ 4 ސީޓުގެ އަގަކީ 200 މިލިއަން ޑޮލަރެވެ.

އިންސްޕިރޭޝަން4 ގެ މަގުސަދަކީ، ޖައްވީ ދަތުރުތަކަށް ޑިމޮކްރަސީ ގެނައުން ކަމުގައި ބުނެވެއެވެ. އެގޮތުން، މި މިޝަންއަކީ އެތައް އަހަރެއްގެ ތަޖުރިބާއާއި ނުލާ، އަދި ވަކި ބަޔަކު އަތްފުނާ އަޅައިގެން ހޮވާފައި ނުވާ ކުރޫއަކަށްވެސް ޖައްވީ މިޝަންތަކަށް ފުރުސަތު އޮތްކަން ބަޔާން ކޮށްދިނުން ކަމުގައި ބުނެވެއެވެ.

އިންސްޕިރޭޝަން4 ގެ ޑްރެގަން ކެޕްސޫލް ވަނީ، 575 ކިލޯމީޓަރު އުސް ސަރަހައްދެއްގައި، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އަށް ވުރެ ދަތުރުކޮށްފައެވެ. އަދި ޖައްވު ތެރޭގައި ހޭދަ ކުރި ކޮންމެ ދުވަހަކީވެސް، ދުނިޔެ ވަށާ، 15 ފަހަރަށް ވުރެ އިތުރަށް ބުރު ޖެހި ދުވަހެއް ކަމަށް މައުލޫމާތު ލިބެއެވެ.