ޖެންޑާ މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކުން ދަނީ ދައުލަތާއި ހަވާލުކޮށްފައިވާ ކުދިން ބަލަން ހަމަޖައްސާފައިވާ ފިޔަވަތީގައި ތިބި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިހެން ބުނީ އިއްޔެ ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސް ބައެއް ވަޒީރުން، ފިޔަވަތީގައި ތިބޭ ކުދިންނާއި މުވައްޒަފުންނާއި ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

ނައިބު ރައީސްގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަތް މި ބައްދަލުވުމުގައި ވަނީ ފިޔަވަތީގައި ތިބޭ ކުދިންނަށް ދިމާވާ ދަތިތަކާއި އެކުދިންގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުގެ ބައެއް އިސްވެރިން ފިޔަވަތީގައި ތިބި ކުދިންނާއި އިއްޔެ ބައްދަލު ކުރެއްވި އިރު، އެކުދިންނާއި މެދު ސަރުކާރުން އިހުމާލުވާ ކަމަށާއި، އިހުމާލު ވެވެނީ ސަރުކާރުގެ ކިބައިގައި އެއްވެސް އިހުލާސްތެރިކަމެއް ނެތުމުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ މިއަދު ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ ފިޔަވަތިން ފެންނަ މަންޒަރުން ދޭހަވަނީ ސަރުކާރު ފޭލް ވެފައިވާ އޮތް އޮތުން ކަމަށާއި، އެތަނުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވެނީ ސަރުކާރުން އިހުމާލު ވުމުން ކަމަށެވެ. އަދި އެތަނުގައި ކުދިން ބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވެ ތިބި ފަރާތްތަކުގެ އަމަލުތަކުން ދޭހަވަނީ އެތަނުގައި ތިބޭ ކުދިންނަށް ލޯތްބެއް ނެތްކަން ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

އަދި ފިޔަވަތީގައި އުޅޭ ކުދިންގެ ފޮޓޯ ނަގައި ވީޑިއޯ ކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނި ބުނުމަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ އެ މިނިސްޓްރީގައި މިހާރު ތިއްބެވި ފަރާތްތަކުގެ ކިބައިން ފެނިގެން ދަނީ ކުދިން ކުށްވެރިވާ ގޮތަށް ވާޙަކަ ދައްކަވާ މަންޒަރު ކަމަށެވެ.

މީގެ ދެދުވަސް ކުރިން ހުޅުމާލޭގެ ފިޔަވަތީގައި ތިބޭ ކުދިންތައް ވަނީ އެތަނުގެ ފުރާޅު މައްޗަށް އަރާ، ބައެއް ކުޑަދޮރުތައް ތަލާލައިފައެވެ

އޭގެ ކުރީ ރެއިން ފެށިގެން ފިޔަވަތީގައި ބައެއް ކުދިން އަޑުގަދަކޮށް ރޯ އަޑާއި ދަނގަޑު ގޭޓުގައި އެތެރެއިން ތަޅާ އަޑު އިވިގެން އެ ސަރަހައްދަށް ބައެއް އާންމުން އެއްވި ނަމަވެސް، އެތަނުގައި އެއްވެސް ކަމެއް ނުހިނގާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހާދިސާ އާއި ގުޅިގެން ސަރުކާރުން ފިޔަވަތީގައި ތިބޭ ކުދިންނާއި މެދު އިހުމާލުވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ސަރުކާރަށް ގިނަ ބަޔަކު ފާޑު ކިޔާފައި ވާއިރު، އެމްވީ ރައިޒް އަޕް ޖަމިއްޔާ އިން ވަނީ މިކަމާ ގުޅިގެން އިހުތިޖާޖު ކުރަން ނިންމާފައެވެ.