އިންގްލިޝް ޕްރިމިއާ ލީގު (އީޕީއެލް) ގައި ރޭ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗު 3-0 އަކުން ލިވަޕޫލު ކާމިޔާބުކޮށް ތާވަލުގެ ކުރިއަށް ޖެހިލައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާ ލީގު ނަގާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު އިރު މެޗުގެ 43 ވަނަ މިނެޓްގައި ލިވަޕޫލަށް ލަނޑެއް ޖަހާ ދީ ލީގު ނަގާ ދިނީ ސާޑިއޯ މާނޭއެވެ.
މިއީ ލިވަޕޫލްގެ ޖާޒީގައި މާނޭ ޖެހި 100 ވަނަ ލަނޑެވެ. ދެވަނަ ހާފްގައި ލިވަޕޫލްގެ ފަރާތުން އިތުރު ދެލަނޑު ފެނުނު އިރު މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ވަނީ ލަނޑެއް ޖަހާފައެވެ. އަދި ތިން ވަނަ ލަނޑަކީ ދެވަނަ ހާފްގައި ކުޅެން ނިކުތް ނަބީ ކެއިޓާ ޖަހާ ދިން ހިތްގައިމު ލަނޑެކެވެ.
މިސީޒަންގައި މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވި ލިވަޕޫލް މިވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ.
ރޭ ލީގުގައި ކުޅުނު އެހެން މެޗަކަށް ބަލާ އިރު ޖައްސަ ޖައްސައިގެން ތިން ބައްޔާއެކު ސީޒަން ފެށި އާސަނަލް މިވަނީ އަމިއްލަ ދަނޑު ނޫން ދަނޑެއްގައި ކުޅުނު މެޗަކުން މިސީޒަންގައި އަލަށް މޮޅުވެފައެވެ. ބާންލީއާ ދެކޮޅު ކުޅުނު މިމެޗުގައި އާސަނަލްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑްއެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ރޭ ސައުތްހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވީ އެއްވަރެވެ. ހަފްތާގެ މެދު ތެރެއިން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި 6 ލަނޑު ޖެހި ސިޓީއަށް ރޭގެ މެޗުގައި ގޯލާ އަމާޒުކޮށް ޝޮޓެއް ފޮނުވާލެވުނީ ވެސް މެޗުގެ 90 ވަނަ މިނެޓްގެ ފަހުންނެވެ. މެޗުން މޮޅުވާނެ ފުރުސަތު ސައުތްހެމްޓަން އަށް ލިބުނު އިރު މިމެޗު ނިމުނީ 0-0 ގެ ސްކޯލައިނެއްގައި އޮވެގެންނެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާ އިރު އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް ވަނީ 2-0 އަކުން ވުލްވްސް ބަލިކޮށްފައެވެ. އަދި ނޯވިޗްއާ ވޮޓްފޯޑް ކުޅުނު މެޗު 3-1 އަކުން ނޯވިޗް ކާމިޔާބުކުރިއެވެ.
ރޭ އެންމެ ފަހުން ކުޅުނު މެޗުގައި އެސްޓަން ވިލާ ވަނީ 3-0 އަކުން އެވަޓަންގެ މައްޗަށް ކުރި ހޯދާފައެވެ.