ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓްގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ މާދަމާގެ އަޑުއެހުން ތައާވަލް ކޮށްފައިވަނީ، މެންދުރުފަހު 1 ޖަހާއިރަށެވެ.

ޔާމީންގެ މައްސަލާގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ. މި ހަ މީހުންގެ ތެރެއިން ހައިޝަމާއި ޒިހާން އަކީ ޔާމީން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ހިންގާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައިވާއިރު، އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.