ޖެންޑާ މިނިސްޓްރީގެ ދަށުން 13 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މައްސަލަ ބޮޑުވެ، ކަމާބެހޭ އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
އިއްޔެ ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅެމުން ދިޔަ ކުދިންތަކެއް ވަނީ ފުރާޅު މައްޗަށް އަރާ އެތަނަށް ބައެއް ގެއްލުންދީފައެވެ. އަދި ފިޔަވީގައި އަލިފާން ވެސް ރޯކޮށްލިއެވެ. އެކަމާ ގުޅިގެން ރޭ ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ބަލަހައްޓާފައެވެ.
މަޖިލީހުގެ ޖެންޑާ ކޮމިޓީން، ޖެންޑާ މިނިސްޓްރީ އާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ޗިލްޑްރަންސް އޮމްބުޑްސްޕާސަންގެ އޮފީހާއެކު އެ ހާދިސާ ހިނގި ގޮތް ބަލަމުން އަންނައިރު އެކޮމިޓީން ވަނީ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ކަމާބެހޭ އިދާރާތައް ހާޒިރުކޮށް ކަންކަން ސާފުކުރުމަށް ނިންމާފައެވެ.
ރޭ ހިނގި ކަންތައްތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރާ ކަމަށް ބުނެއެވެ. އެހެންނަމަވެސް ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާ، ވީޑިއޯކުރުމާ، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް، ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށް އެސާވިސްއިން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް ވަނީ އެދިފައެވެ.
އޭގެ އިތުރުން ކުޑަކުދިންގެ ހަހައްގުތައް ކަށަވަރުކޮށް އެކުދިންގެ ކަރާމާތަށް ގެއްލުންނުވާގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
ތިޔަފަދަ ކުދިން ބެލެހެއްޓުމުގެ ތަޖުރިބާ ހުރި ބަޔަކު ކުދިންނާ ބައްދަލުކޮށް އޮޅުން ފިލުވަންވީނު ކީއްވެތޯ އެކުދިން ބަސްނާހާ އުޅެނީ އޭރުން ނޫންތޯ މައްސަލަ ހައްލުކުރެވޭނީ. ތިޔަތަން ހިންގަން ތިބި ބަޔަކު ގެނެސް ގެން ސުވާލުކުރީމަ ވާނީ ކޮން ކަމެއް. އެމީހުންގެ ދިފާއުގަަ އެމީހުން ވާހަަކަަދައްކާނީ.