އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.

އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ތަގްރީރުކުރެއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 21، 2021 ވާ އަންގާރަ ދުވަހުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ބައްދަލުވުންތަކާ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން ބުނީ އ.ދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމު މިފަހަރު ދިވެއްސަކު ފުރުމުން ގެންދަވާކަމީ ރާއްޖެ އ.ދ. އާ ގުޅުނުތާ މިވީ ދިގު ތާރީހުގައި ވެސް ރާއްޖެއަށް ނުލިބޭފަދަ މުހިންމު ކާމިޔާބީއެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28، 2021 ވަނަ ދުވަހުއެވެ.