ނެދަލަންޑްސްއަށް ނިސްބަތްވާ މަޝްހޫރު ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯގެ، މިހާތަނަށް ފެނިފައި ނުވާ ކުރުހުމެއް އާންމު ކޮށް ދައްކާލައިފިއެވެ.

ވަރުބަލިވެފައި ވާ މުސްކުޅި ފިރިހެނެއް ސިފަ ވާ މި ކުރެހުން، އާންމުންނަށް ފެންނާނެ ހެން ބަހައްޓާފައި ވާ އިރު، މިއީ ވެން ގޯގެ ކުރެހުމެއް ކަން، އޭނާގެ ކުރެހުންތަކަށް ހާއްސަ ދާރުލް އާސަރަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

"ސްޓަޑީ ފޮ ވޯން އައުޓް"ގެ ނަން ދީފައި ވާ މި ކުރެހުމަކީ، ވެން ގޯގެ ކެރިއަރުގެ ކުރީކޮޅު، 1882 ވަނަ އަހަރު ކުރަހާފައި ވާ ކުރެހުމެއް ކަމަށް ވެން ގޯ މިއުޒިއަމް އިން ބުނެއެވެ.

ނެދަލަންޑްސްގެ ކުރެހުންތެރިޔާ ވިންސެންޓް ވެން ގޯ ގެ "ސްޓަޑީ ފޮ ވޯން އައުޓް" ކުރެހުން، ދާރުލް އާސާރުގައި އާންމުކޮށް ދައްކާލަނީ / ފޮޓޯ: އާރްޓީއީ

ފާއިތުވީ ގަރުނަކަށް ވުރެ ގިނަ ދުވަހު މި ކުރެހުން ހުރީ ނެދަލަންޑްސްގެ އާއިލާގެ އަމިއްލަ ކަލެކްޝަންގައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްސްޓަޑޭމްގެ ދާރުލް އާސާރެއްގައި މި ކުރެހުން ޑިސްޕްލޭ ކޮށްފައި ވާއިރު، އާއިލީ ކަލެކްޝަނެއް މި ކުރެހުން އަނބުރާ ގެންދިއުމުގެ ކުރިން، ޖެނުއަރީ 2، 2022 ގެ ނިޔަލަށް އާންމުންނަށް މި ކުރެހުން ފެނަން ހުންނާނެއެވެ.

ވެން ގޯ މިއުޒިއަމްގެ އިސް ރިސާޗަރެއް ކަމަށް ވާ ޓެއިއޯ މީންޑެންޑޯޕް ބުނީ، މި ކުރެހުމުގެ އަގު، ބުނެދޭންވެސް ދަތި ކަމަށެވެ.

"ސްޓަޑީ ފޮ ވޯން އައުޓް"ގެ ނަން ދީފައި ވާ ކުރެހުމަކީ، ނެދަލަންޑްސްގެ ހޭގްގައި ވެން ގޯ ދިރިއުޅެމުން ދިޔައިރު ކުރެހުމެކެވެ. އުމުރުން 29 އަހަރުގެ ވެން ގޯ އޭރު ދިޔައީ، ކުރެހުމުގެ ހުނަރުތައް ދަސްކުރަމުންނެވެ.