ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށް މޫދު ތަޣައްޔަރުވެފައި ވާތީ އެ މައްސަލަ ހައްލުކުރެވެންދެން އެ ސަރަހައްދުގެ މޫދު ބަންދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގެ ނެރުމައްޗަށް ލެއްގި ކަޅުތެޔޮ ފީފާއެއް ފަޅައިގެން ގޮސްގެން އޭގެ ސަބަބުން ރަސްފަންނު މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާތީ، އެންވައިރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ލަފާދެއްވާފައިވަނީ އެކަމުގެ ސަބަބުން ސިއްހީ މައްސަލައެއް ކުރިމަތި ވެދާނެ ކަމަށެވެ.

އެހެންކަމުން، އެމައްސަލަ ހައްލުކުރެވެންދެން އެސަރަހައްދުގެ މޫދު ބަންދު ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެޔޮ ޖަމާވެފައި ވާތީ ކޯސްޓުގާޑު ޑައިވިން ޔުނިޓުން އެ ސަރަހައްދު ސާފުކުރަމުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ރަސްފަންނަށް ތެޔޮ ޖަމާވަމުން ދާއިރު އިއްޔެ މާލެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ވިލިނގިލި ފަރުމައްޗަށް ތެޔޮ ބޯޓެއް ވެސް ވަނީ އަރާފައެވެ.