ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ މަރްޔަމް ދީނާ ސޯލިހް ހޯދަޑު، މައިޒާން، ޏ.ފުވައްމުލަކު އަށް ދައުވާކުރަން ޕީޖީއަށް މިއަދު ފޮނުވައިފިއެވެ.

ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ މަރްޔަމް ދީނާގެ މައްޗަށް ދައުވާކުރަން ފޮނުވީ، ފެނަކަ އިން 2018 ވަނަ އަހަރުގެ ތެރޭގައި ކުއްޔަށް ހިފާފައިވާ ދޯންޏަކީ، ދީނާ އާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލަ އޭސީސީއިން ތަހްގީގުކޮށް ނިންމުމަށް ފަހުއެވެ.

އޭސީސީއިން ބުނީ މި މައްސަލައާ ގުޅިގެން 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރު ކޮށްފައި ވާ ޕާޗޭސް އޯޑަރުތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ ހަ ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައި ވަނީ ދަތުރު ކުރުމަށް ޖެނެރަލް ސާވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕާޓްމަންޓުން ޕްރޮކިއުމަންޓު ޑިޕާޓްމަންޓަށް ފޮނުވުމުގެ ކުރިން ކަމަށެވެ. އަދި އެ ޕާޗޭސް އޯޑަރުގެ ތެރެއިން 01 ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއް ކަރުދާސް ކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައި ވަނީ ދަތުރުކޮށް ނިންމުމަށް ފަހު ކަން، އެ ޕާޗޭސް އޯޑަރާއެކު އެއް ކަރުދާސް ކޮށްފައިވާ ތަކެތި ލިބުމަށް ފަހު ތައްޔާރު ކޮށްފައިވާ ގުޑްސް ރިސީވްޑް ނޯޓުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

ހަމައެހެންމެ، ދަތުރު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރު ކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަން ތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައި ވާކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައި ވާކަން އެނގެން ނޯންނަކަމާއި، އަދި އެރަށްތަކަށް ދަތުރު ކޮށްފައި ވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން ބުނީ ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީ ނަމަވެސް، ތިން ކޯޓޭޝަން ހޯދާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ އާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ތަހުގީގުގައި ހޯދާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި އެ ހިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކާ މުއާމަލާތު ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށެވެ. ހަމައެހެންމެ، އެ ޕާޗޭސް އޯޑަރުތަކާއެކު އެއްކަރުދާސް ކޮށްފައިވާ ކޯޓޭޝަންތައް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ލިބިފައި ވަނީ ކިހިނެއްކަން އެނގޭފަދަ ލިޔެކިޔުމެއް އެ ޑިޕާޓްމަންޓުގައި ނެތްއިރު، ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ މަރްޔަމް ދީނާ ސޯލިހްކަމަށް ތަޙުގީގަށް އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ތަހުގީގުގައި ހޯދާފައިވާ މަރްޔަމް ދީނާ ސޯލިހްގެ ފޯނުގެ މުއާމަލާތުތަކަށް ބަލާއިރު، ޖުލައި 9، 2018 އިން ފެށިގެން ފެބުރުވަރީ 24، 2019 ގެ ނިޔަލަށް އެ ދޯނި ކުއްޔަށް ދޫކުރުމަށް ފެނަކަ ކޯޕަރޭޝަނަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، މަރްޔަމް ދީނާއާ ދެމެދު ގިނަ އަދަދެއްގެ މުއާމަލާތް ކޮށްފައި ވާތީ، އެފަރާތާއި މަރްޔަމް ދީނާ ސޯލިހާ ދެމެދު ގުޅުން އޮންނަކަން އެނގޭ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، މަރްޔަމް ދީނާ ސޯލިހު ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓު ޑިޕަޓްމަންޓުގައި ހުރި ދުވަސްވަރު، ތައްޔާރު ކޮށްފައިވާ ޕާޗޭސްއޯޑަރު ތަކާއި އޭނާ އެ މަގާމުން ބަދަލުކުރިފަހުން، ދޯނި ކުއްޔަށް ހިފުމަށް ތައްޔާރު ކޮށްފައިވާ ޕާޗޭސް އޯޑާތަކާ އަޅާކިޔުމުން ދީނާ ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގައި ހުރި ދުވަސްވަރު ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފައިގެން ދަތުރު ކޮށްފައި ވަނީ މާބޮޑު އަގެއްގައިކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.