އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމަށް ނިންމާ، ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ސްޓެލްކޯއިން ހުއްޓާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިންގާ 35 އިންޖީނުގެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނުގެ ގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ހަދައިފައިވާ ކަމަށެވެ. އަދި މި ނިންމުމާއެކު، އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި "ސްޓެލްކޯ ފެން" ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައްކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އެ އަމާޒަށް ވާސިލްވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފަ އެވެ.

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެންބަންދުކުރުން ހުއްޓާލުމާއި ގުޅިގެން މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި، ސްޓެލްކޯއިން މި ދެއްކި ނަމޫނާއާއި އެއްގޮތަށް އެހެން ފަރާތްތަކުންވެސް އަމަލު ކުރަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލިނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާއި ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް. އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން"
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވުނު މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލުކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓާ ޑިސްޕެންސަރެއް ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް ހެޑް އޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ގާއިމްކޮށްފައެވެ.