ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، ދުނިޔޭގެ އާބާދީގެ 70 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ވެކްސިން ފުރިހަމަ ކޮށްދެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަމާޒު ހިއްޕަވާފައި ވާ ކަމަށާ، ދާދި އަވަހަކަށް އެކަމާ ބެހޭ ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

ރަސްމީ ސިފައެއްގައި ބައިޑަން މިކަން އިއުލާން ކުރައްވާނީ، ދާދި ކައިރި މުސްތަގުބަލެއްގައި އޮންނަ، ބައިނަލްއަގުވާމީ ވެކްސިން ސަމިޓްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބައިޑަންގެ އަމާޒަކީ، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އާއި ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ވޯލްޑް ބޭންކުންވެސް ކަނޑައަޅާފައި ވާ އަމާޒެވެ. ވައިޓްހައުސް އިން ބުނާ ގޮތުގައި، ބައިޑަންގެ އަމާޒަކީ، އަޒުމް ވަރުގަދަ އަމާޒެއް ނަމަވެސް، އެއީ މިހާރުވެސް ކަނޑައަޅާފައި ވާ އަމަޒުތަކުގެ ރޫހާ އެއްގޮތް އަމާޒުތަކެކެވެ.

ވޯލްޑް ބޭންކު، އައިއެމްއެފް، ޑަބްލިއުޓީއޯ އަދި ޑަބްލިއުއެޗްއޯއިން ވަނީ، 2022 ވަނަ އަހަރުގެ މެދަކާ ހިސާބަށް އަންނައިރު، ދުނިޔޭގެ އާބާދީގެ، އެންމެ މަދުވެގެން 60 ޕަސެންޓް މީހުން، ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް އަމާޒު ހިފާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ގައުމުތަކުން މިހާރު ފޯރުކޮށްދިނުމަށް ވައުދުވެފައި ވާ 1 ބިލިއަން ޑޯޒްގެ އިތުރުން، އަދި 1 ބިލިއަން ޑޯޒް ގަތުމަށް ނުވަތަ ހަދިޔާ ކުރުމަށް، މުއްސަނދި ގައުމުތަކަށްވެސް ބައިޑަން ގޮވާލައްވާނެއެވެ.

ޑަބްލިއުއެޗްއޯއިން ހާމަކޮށްފައި ވާ ގޮތުގައި، ފަގީރު އަދި ދަށް-މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން، މި މަހު ފުރަތަމަ ޑޯޒްގެ ވެކްސިން ޖަހާފައި ވަނީ، އެ ގައުމުތަކުގެ އާބާދީގެ އެންމެ 20 ޕަސެންޓް މީހުންނެވެ. ތަރައްގީ ވެފައި ވާ ގައުމުތަކުގައި މި ނިސްބަތް އުޅެނީ 80 ޕަސެންޓްގައެވެ.

ކަން މިހެން އޮތްއިރު، މުއްސަނދި ގައުމުތަކުން ބޫސްޓާ ޑޯޒްތަކާ ދިމާލަށް ވަނީ އަމާޒު ހިފާފައެވެ. އަދި މިކަން މަޑު ޖައްސާލުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.