ސައިބީރިއާއަށް ނިސްބަތްވާ 4 އަހަރުގެ ކުޑަކުއްޖަކު އޭނާގެ މާމަގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ސްނޯފައިބާ ބޮޑު ޖަންގައްޔެއްގައި 8 ކިލޯމީޓަރަށް ފައިމަގުގައި ހިނގައިފިއެވެ. މާމަ ދަރިފުޅުގެ އެ ބުރަ މަސައްކަތް ނުނިމެނީސް މާމަ ވަނީ އެދުވަހުގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެން މަރުވެފައެވެ.
ހަބަރުތަކުން އެނގޭ ގޮތުގައި ސަގްލަނާ ނަމަކަށް ކިޔާ އެ ކުއްޖާ ދިރިއުޅެމުން ދިޔައީ އޭނާގެ މާމަ އަދި ލޯފަން ކާފައާ އެކުގައެވެ. އެކިކަހަލަ ވަލު ޖަނަވާރުތައް ވެސް އުޅޭ ފިނި ބޯ ޖަންގަލީގައި އެއްވެސް ބިރެއްނެތި އެކަނިމާ އެކަނި އޭނާ ހިނގަމުން ދިޔައީ އޭނާ ނިދާފައި ހޭލި އިރު އޭނާގެ މާމަގެ ހަރަކާތެއް ނެތުމުން އެހީއެއް ހޯދުމަށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މިހާދިސާއާ ގުޅިގެން ސަގްލަނާގެ މަންމަގެ މައްޗަށް ކުށްކުރުމާބެހޭ ރަޝިޔާގެ ޖަމިއްޔާއަކުން ވަނީ ދައުވާ ކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ކުޑަކުއްޖަކު އެކަނިމާ އެކަނި ބިރުވެރިކަމެއްގައި ދޫކުރުމުގެ ކުށާއި އުމުރުން ދުވަސް ވެފައިވާ މީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ކުއްޖާ ބެހެއްޓުމުގެ ދައުވާ ހިމެނެއެވެ. އަދި ކުޑަކުދިންގެ ހައްގުތަކާބެހޭ ޖަމިއްޔާއަކުންވެސް މި މައްސަލަ ބަލަމުން ދާކަމުގެ މައުލޫމާތު ލިބެއެވެ.
މިހާދިސާ ހިނގާފައިވަނީ މިދިޔަ ފެބުރުއަރީ މަހު ވަރަށް ފިނިގަދަ ވި ދުވަސް ވަރެއްގައި ނަމަވެސް މި ހާދިސާ ހިނގާފައިވާ ކަމުގެ ހަބަރު، ކަމާބެހޭ އިދާރާތަކުން ހާމަ ކުރީ ދާދި ފަހުންނެވެ.
8 ގަޑި އިރު ހިނގި އެކުއްޖާގެ މެޑިކަލް ޗެކަޕުން އެނގޭ ގޮތުގައި ޖެނެރަލް ހައިޕޯތާމިއާ ނޫން އެހެންއެއްވެސް ބައްޔެއް އެކުއްޖާއަށް ޖެހިފައި ނުވެއެވެ. ޖެނެރަލް ހައިޕޯތާމިއާ އަކީ ފިނިގަދަވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.
މިދިޔަ އަހަރުވެސް މި ސަރަހައްދުގެ ޖަންގައްޔެއްގައި 3 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު އެކަނި ތިންދުވަސް ވަންދެން އުޅެފައި ވާކަމުގެ މައުލޫމާތު ވެސް ވަނީ ފެތުރިފައެވެ.