ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ދެކެވުނު ވާހަކަ ދޮގުކޮށްފިއެވެ.

ފުލުހުން އެހެން ބުނެފައި ވަނީ ތ. ވޭމަންޑޫގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.

ފުލުހުން ބުނީ ހިޔާގެ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމުގެ ޝަކުވާއެއް އަދި މައްސަލައެއް ވެސް ޖެންޑާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ، ތ. ވޭމަންޑޫ ކުޑަކުދިން ހިޔާގައި އުޅޭ ކުދިންތަކެއް މިމަހު 12 ވަނަ ދުވަހުގެ ރޭ 10:30ގެ ފަހުން ބޭރުގައި އުޅޭ ކަމަށް މައުލޫމާތު ލިބުމުން އެކުދިން އަނބުރާ ހިޔާއަށް ގެންގޮސް ދިނުމަށް ތ. އަތޮޅު ޖެންޑާ އިން ފުލުހުން ކިބައިން އެދުމުން އެކުދިން ހިޔާއަށް ގެންދިއުމަށް ވޭމަންޑޫ ޕޮލިސް އިން އެހީތެރިވެ ދިން ކަމަށެވެ.

އެކުދިން އަނބުރާ ހިޔާއަށް ގެންދިއުމުގެ ތެރޭގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް އަޑުއެރި ނަމަވެސް ފުލުހުން މީގެ ކުރިން ވެސް ވަނީ އެއްވެސް ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމުގެ ޝަކުވާއެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ބުނެފައެވެ