ޔުނައިޓްޑް ނޭޝަންސް ވާލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަން ނިންމަވައިފިއެވެ.
ޒޫރަބް ޕޮލޮލިކަޝްވީލި މިކަން ހާމަކުރެއްވީ ވަޗުއަލްކޮށް މިއަދު ބޭއްވި ޔޫއެންޑަބްލިއުޓީއޯ ގެ 33 ވަނަ ޖޮއިންޓް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާގެ މީޓިން ގައި ވާހަކަ ދައްކަވަމުންނެވެ.
ސައުތު އޭޝިއާ އަދި އޭޝިއާ ޕެސިފިކްގެ 29 ގައުމަކުން ބައިވެރިވި މިބައްދަލުވުމުގައި އެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކާއި އެ ގައުމުތަކުން ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ވަނީ ހިއްސާކޮށްފައެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފިލިއޭޓް މެންބަރުންނާއި ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ޖަޕާން އެސޯސިއޭޝަންއޮފް ޓްރެވަލް އެޖެންޓްސް (ޖާޓާ) އަދި ޖަޕާން ޓޫރިސްޓް ބިއުރޯ (ޖޭޓީބީ) އިން ވަނީ ކޮވިޑް-19 އިން އަރައިގަތުމަށްޓަކައި ޕްރައިވެޓް-ޕަބްލިކް ޕާޓްނާޝިޕްގެ މުހިންމުކަން ފާހަގަ ކޮށްފައެވެ.
މިބައްދަލުވުން ޗެއާ ކުރައްވާފައި ވަނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމް، އާރްޓްސް އެންޑް ކަލްޗާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޒަމްރީ މަތު ޒައިންއެވެ. އަދި ކޯ ޗެއާ ކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ މިނިސްޓާ އޮފް ޓޫރިޒަމް ޑރ. އަބްދުالله މައުސޫމްއެވެ.
ޔޫއެންޑަބްލިއުޓީއޯ ގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވީލި ދިވެހިރާއްޖެއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހު 5 އިން 8 އަށެވެ. އަދި މި ޒިޔާރަތުގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެންޑަބްލިއުޓީއޯގެ 15 ވަނަ އެގްޒެކެޓިވް ޓްރޭނިން ޕްރޮގްރާމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.