3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ހުޅުމާލެ ޖަލުގައި ހުއްޓާ މަރުވި ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމަށް އެއްވެސް އަނިޔާއެއް ކޮށްފާ ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން ބުނީ އަސްލަމަށް އަނިޔާ ކޮށްފައި ވާކަމަށް ބުނެ އާއިލާއާއި ހަވާލަދީ ފަތުރާ ހަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

އަސްލަމްގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ކަރެކްޝަނުން އޭނާ ގަސްތުގައި މަރާލިކަމަށް ދޭހަވާގޮތަށް ލިޔެފައިވާ ހަބަރުތަކާ ގުޅިގެން މިއަދު އެ ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ އިރުއޮއްސި 6 ޖެހި އިރު އަސްލަމް ޔާޑު ސަރަހައްދުގައި އިށީނދެ އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 08 މިނެޓުތެރޭގައި އިމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށެވެ. އަދި 6:30 ގައި އާއިލާއަށް ގުޅަން މަސައްކަތް ކޮށްފައިވާ ކަމަށާއި، ގުޅިފައި ވަނީ 6:42 ގައި ކަމަށެވެ.

އަސްލަމަކީ އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުން ދިޔަ މީހެއް ނޫންކަން ފާހަގަކޮށް ކަރެކްޝަނުން ބުނީ އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައި ވަނީ އޭނާ އިށީނދެ އިންދާ ވެއްޓުމާ ގުޅިގެން ކަމަށާއި، އެ މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖްއިން ސާފުކޮށް ފެންނަ ކަމަށެވެ.

ހަމައެހެންމެ ހުޅުމާލެ ހޮސްޕިޓަލުން އަސްލަމަށް ފަރުވާދިނުމަށް ފަހު، އޭނާ މަރުވެފައިވާ ކަމަށް އަންގާފައި ވަނީ ރޭ 8:23 ގައި ކަމަށާއި، މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައި ނުވާކަމަށާއި، ނިޔާވެފައިވާ ވަގުތަކީ 6:55 ކަމަށް ބަޔާންކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ސާވިސް އިން އިސްވެ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ރޭ އަންގާފައިވާނެ ކަމަށާއި އެ ފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ސީީސީޓީވީ ފޫޓޭޖާއި، ޖަލު އޮފިސަރުން އަދި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ހޯމް މިނިސްޓްރީން ވަނީ މިއަދު އާންމުކޮށްފައެވެ.

މަރުވި އިރު އަސްލަމުގެ އުމުރަކީ 40 އަހަރެވެ.