2 ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ގޮތް ނިންމާނީ ކައުންސިލުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން އެހެން ބުނެފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ ނަމަ ތާއިދު ކުރައްވާނެތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ، އެއީ ކައުންސިލުން ނިންމާ ނިންމުމެއް ކަމަށާ މިހާރު ސަރުކާރާއެކު އޮތީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށެވެ. އަދި ސަރުކާރަށް އެހީތެރިވެވޭނެ ހުރިހާ ގޮތަކުން އެހީތެރިވާނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެއީ އަޅުގަނޑުމެންގެ ކައުންސިލުން ނިންމާ ނިންމުމެއް އެނގޭތޯ. ކައުންސިލުގަ ބައްދަލުވުމަކަށް އެމައްސަލަ ހުށަހެޅިގެން އެއަންނަ ހިނދު، އެހިސާބަށް ވެސް ކައިރިވެގެން އައިމަ، ކައުންސިލުން ނިންމާ ނިންމުމެއް، މިހާތަނަށް އޮތް ގޮތަކީ އެއްބަސްވުން އޮތީ އަޅުގަނޑުމެން 5 އަހަރު ދުވަހަށް އިނގޭތޯ، 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އަޅުގަނޑުމެން މިތިބީ
ގާސިމް އިބްރާހިމް

ގާސިމް އެހެން ވިދާޅުވެފައި ވާއިރު ރައީސް ސޯލިހު ވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައެވެ.

އެގޮތުން ރައީސް ވަނީ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރުމަށް ފަސް އަހަރުގެ ދެ ދައުރު ލިބޭ ކަމަށާއި އެ ފުރުސަތު އެމަނިކުފާނަށް ވެސް ބަންދު ނުވާ ކަމަށް ވިދާޅުވެފައެވެ.