ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ ޝަރިއަތުގެ އިތުރު އަޑުއެހުމެއް އަަންނަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެެވެ.

މިއަދުގެެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ދެން އަޑުއެެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ކަމަށް ވިިދާޅުވެފައެވެ. އެހެން ނަމަވެސް އަދި ކުރިއަށް ގެންދިއުމަށް ހަމަޖެެހިފައިވާ މައްސަލައެއް ނިންމާފައެއް ނުވެެއެވެެ.

ފަނޑިޔާރު މަހާޒް ވަނީ ބުރާސްފަތި ދުވަހު ރައީސް ޔާމީންގެ ފަރާތުން އެދިލައްވާނަމަ އެެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރުމާއި ހުކުން ފަސްކުރުމަށް އިއްޔެ ހުށަހެޅި ހުށަހެޅުމުގެ އަޑު އެެހުމާއި ގޮތެއް ނިންމުން ތާވަލް ކުރެވިދާނެ ކަމަށާއި ނޫންނަމަ މިއަދު ކުރިއަށް ގެެންދިޔަ އަޑުއެެހުމުގައި ހުށަހެޅި އިސްތިއުނާފްގެ ނުކުތާތަކުން ބާކީ ނުނިމި ހުރި ނުކުތާތައް ހުށަހެޅުމުގެ ފުރުސަތު ދެވިދާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެެ ވަކީލުން ވަނީ މާދަމާ މިކަމާ މެދު ގޮތެއް ނިންމަވާ ކޯޓަށް އަންގާނެ ކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށްގެންދިޔަ އިސްތިއުނާފީ އަޑުއެހުމުގައި އިސްތިއުނާފް ޝަރީއަތް ނިމެންދެން ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގަތެވެ. އެ ކަމުގައި ގޮތެއް ނިންމާނީ ދެ ދުވަސް ފަހުން ބޭއްވޭ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށް އިއްޔެ ކަނޑައެޅިއެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.