ކޮންމެ އަހަރަކުވެސް ވޯކް ވިސާގައި ރާއްޖެ ގެންނަ ބަންގްލަދޭޝްގެ ރައްޔިތުން ގިނަ އަދަދަކަށް ގެނެސްގެން ހިންގަމުން އަންނަ ހިއުމަން ޓްރެފިކިންގެ މައްސަލައަށް ނިމުމެއް ގެނެވިފައިވާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ފައްޔާޒް ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގައި ހިންގަމުން އަންނަ ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ނިމުމެއް ގެނެވިފައިވާ ކަމަށާއި އަދަދުތަކުންވެސް އެކަން ސާފު ކަމަށެވެ.

މި މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން، 43،000 އެއްހާ މީހުން ރަޖިސްޓްރީ ވެފައިވާއިރު، އޭގެ ތެރެއިން 8،900 މީހުން މިހާރުވެސް އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލާފައިވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ގައުމީ އެއާލައިން މޯލްޑިވިއަން އާ ގުޅިގެން ފެށި ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ދަށުން 27،000 މީހުން ފޮނުވާލާފައިވާނެ ކަމަށާއި މި މުއްދަތުގައި އިތުރުވީ 120 މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފައްޔާޒް ވިދާޅުވީ މިދިޔަ އަހަރު މަޖިލީހުން ފާސްކޮށްފައިވާ ގޮތުގެ މަތިން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭ ބޭރު ގައުމުތަކުން ލައްކައަކަށް ވުރެ ގިނަ މީހުންނަށް ނޫޅެވޭނެ ކަމަށް ހަދާފައިވާ ގަވާއިދު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރުވެސް ލައްކައަކަށް ވުރެ ގިނަ ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖޭގައި އުޅޭ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެ އަދަދު ލައްކައަކަށް ތިރިކޮށް އެއްވަރެއްގައި ހިފެހެއްޓުން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުޅި ސިސްޓަމަށް ގެންނަންވާ ބަދަލުތައް ގެނައުމާ މިކަން އަލުން ވިޔަ ނުދިނުމަށް ކުރެވޭ ކަންތައްތައްކޮށް މި މައްސަލައަށް ހައްލުތަކެއް އަންނަމުން މިދަނީ." ހިއުމަން ޓްރެފިކިން މައްސަލައަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވިއެވެ.