ކެމިކަލްއާއި އެނޫންވެސް މަސްނޫއީ މާއްދާތައް ބޭނުން ކުރުމުން މުޅިން އެކަހެރިވެގެން އުފައްދާ ކާބޯތަކެތި ނުވަތަ "އޯގޭނިކް" ކާބޯތަކެއްޗަކީ، މިއަދު އެ ބާވަތްތަކަކަށް، ދުނިޔޭގެ ބާޒާރުގައި ހާއްސަ ގަދަރެއް ދެވިފައި ވާ ބާވަތްތަކެކެވެ. ފިހާރަތަކުގެ ހަރުގަނޑަކަށް އަވަސް ނަޒަރެއް ހިންގާލި ކަމުގައި ވީ ނަމަވެސް، އެ އުފެއްދުމެއްގައި "އޯގޭނިކް" ޖަހައިފިނަމަ، ފިސާރި އަގެއްވެސް ހުރެއެވެ.

ކަން މިހެން އޮތް އިރު، އަވަށްޓެރި ސްރީލަންކާއިން އަމާޒު ހިފާފައި ވަނީ، އެ ގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތުން އުފައްދާ ހުރިހާ އުފެއްދުމަކީ 100 އިންސައްތަ 'އޯގޭނިކް" އުފެއްދުންތަކެއް ކަމުގައި ހެދުމަށެވެ. އަދި މި އަމާޒު ހަސިލު ކުރާ ފުރަތަމަ ގައުމަށް ވުމަށެވެ. ނަމަވެސް، މިކަމުގެ އަގު އަދާ ކުރަން ޖެހިފައި ވަނީ، އެ ކަމަކަށް "ސިލޯނު" މަޝްހޫރު ވެފައި ވާ އެ ގައުމުގެ ފަހްރު ކަމުގައި ވާ ސައިފަތުގެ ސިނާއަތަށެވެ. މިހާރުވެސް މުޅިންހެން އިނދަޖެހިފައި އޮތް އިގުތިސޯދަކައިގެން ކިރިއާ ނޭވާ ލަމުންދާ ސްރީލަންކާއަށް އަނެއްކާވެސް އިތުރު ތަކުލީފަކާ ކުރިމަތިވީއެވެ.

ސްރީލަންކާގެ ސައިފަތް ސިނާއަތް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ރޯ މީޑިއާ

"އޯގޭނިކް" ރޭހުގައި 1 ވަނަ ހޯއްދެވުމަށް މުންޑު އަރުވާޖައްސަވައިގެން ގޮތަބާޔާ ރާޖަޕަކްސަ ދަތުރު ފެއްޓެވީ މިއަހަރުއެވެ. ގަހު ކާނާގެ ބާވަތްތަކުގައި ކެމިކަލް ބޭނުން ކުރުން މުޅިން މަނާ ކުރެއްވިއެވެ. ނަމަވެސް ސައިފަތް ދަނޑުތައް ހައްދާ ފަރާތްތަކުން މިހާރު ބުނަމުން ދަނީ، ކުރިއަށް އޮތް އޮކްޓޯބަރު މަހާ ހިސާބުގައި، ގަސްތައް މުޅިން ހަލާކުވެ ދާނެ ކަމަށެވެ. މިއީ ހަމައެކަނި ސައިފަތް ދަނޑުތަކުގެ ހާލެއް ނޫނެވެ. ސްރީލަންކާގެ ހާއްސަ އުފެއްދުންތަކުގެ ތެރޭގައި ގުނާލެވޭ، ފޮނިތޮށި، އަސޭމިރުހުގެ އިތުރުން، ޒަރޫރީ ކެއުމަށް ބޭނުން ކުރާ ހަނޑޫ ދަނޑުތައް ހައްދާ ފަރާތްތަކުގެ ކަންބޮޑުވުމަކީވެސް މިއީއެވެ.

ރާޖަޕަކްސަގެ "އޯގޭނިކް" އިންގިލާބަށް ލަފާއަރުވަން ކަނޑައެޅުއްވި 46 ތަޖުރިބާކާރުންގެ ތެރޭގައި ހިމެނޭ އެކަކީ، ހާމަން ގުނަރަތުނައެވެ. "އޯގޭނިކް" އިންގިލާބަށް އެންމެ ޖެހިލުންވާ އެކަކީވެސް ހުދު އޭނާއެވެ. ގުނަރަތުނަ ބުނާ ގޮތުގައި، ކެމިކަލް ފާޓިލައިޒާ ބޭނުން ކުރުން މަނާ ކުރުމުގެ ސަބަބުން، ސައިފަތުގެ ސިނާއަތަށް ނޭދެވޭ އަސަރު ވަނީ ފޯރާފައެވެ.

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ (މ)/ފޮޓޯ: ލަންކާ ޕޭޖު

މި އިންތިގާލުގެ ސަބަބުން ސްރީލަންކާއަށް ކުރިމަތިވާނެ ކަންކަމީ، ހިޔާލަށްވެސް ގެންނަން ދަތި ކަންތައްތަކެއް ކަމަށް ބުނެވެއެވެ.

ސްރީލަންކާގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިއްކޭ ސައިފަތް ހައްދަމުން އަންނަ، އުމުރުން 76 އަހަރުގެ ގުނަރަތުނަ ޖެހިލުންވާ ކަމެއް އެބައޮތެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، ސްރީލަންކާއިން އަހަރެއްގެ މައްޗަށް، 300 މިލިއަން ކިލޯގްރާމްގެ ސައިފަތް ގަސް އުފައްދަމުން ދާ ދިއުން، އޭގެ 2 ބައިކުޅަ 1 ބަޔަށް މަދުވާނެއެވެ.

މި ދަނޑިވަޅަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ފެންމަތިވި ކުރިވި އިގުތިސޯދީ ތަކުލީފުތަކުގެ އިތުރުން، އަމިއްލަ އިހުތިޔާރުގައި އަމިއްލަ ކަރަށް މަހާލި، ޗައިނާގެ ދަރަނި ދަންތުރައިގެ ސަބަބުން، މުޅި ސްރީލަންކާގެ އިގުތިސޯދާއި މާލިއްޔާތު، އެފުށް މިފުށަށް ޖެހިފައި ވާ ދަނޑިވަޅެކެވެ.

ކާބޯތަކެއްޗާއި ޒަރޫރީ އުފެއްދުންތައް ގަތުމަށް ލަންކާގައި ދަމާލާފައި ވާ ސަފެއް / ފޮޓޯ: ގޫރާބް ޑިޒައިން

ގަހުކާނާއާއި ސޫފާސޫފި މަރަން ބޭނުން ކުރާ ޕެސްޓިސައިޑަކީ ސްރީލަންކާއަށް ފުޅާ ދާއިރާއެއްގައި އިމްޕޯޓް ކުރި ބާވަތްތަކެކެވެ. ނަމަވެސް، ބޭރު ފައިސާގެ ރިޒާވާއި ދައުލާތުގެ މާލިއްޔާތު ދަށްވެ، ސްރީލަންކާގެ ސަރުކާރުން ވަނީ މި އުފެއްދުންތައް އިމްޕޯޓް ކުރުން މަޑުޖައްސާލާފައެވެ. ގުރުބާން ކުރީ ކާބޯތަކެތީގެ ސިނާއަތެވެ.

ސައިފަތަކީ ލަންކާގެ އެކްސްޕޯޓް ސިނާއަތުގެ އެންމެ ބޮޑު ހިއްސާއެވެ. އަހަރަކު ގާތްގަނޑަކަށް 1.25 ބިލިއަން ޑޮލަރު ހިއްސާ ކުރެއެވެ.

2019 ވަނަ އަހަރު، ގައުމުގެ ވެރިކަމަށް ރާޖަޕަކްސަ ވަޑައިގަތީ ބޭރުން އިމްޕޯޓްކުރާ ގަހުކާނާއަށް ސަބްސިޑީ ދެއްވާނެ ކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން، ހިންގެވީ އަނެއް ކޮޅަށެވެ. ވިދާޅުވީ، ދަނޑުވެރި ކެމިކަލް ތަކުން، މީހުން "ވިހަ" ކުރަމުން ދާ ކަމަށެވެ.

ސްރީލަންކާގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ބޮޑު އަގުގައި ވިއްކޭ އެއް ސައިފަތަކީ

2000 ޑޮލަރަށް ކިލޯއެއް ވިއްކާ ވާޖިން ވައިޓް ޓީގެ ބާނީ، ގުނަރަތުނަ، މިހާރު ވަނީ، ރާޖަޕަކްސަގެ ފެހި އިގުތިސޯދުގެ ޓާސްކު ފޯހުން ވަކިކޮށްފައެވެ. އެއީ ރައީސްއާ ވީ ދެބަސްވުމަކަށް ފަހުގައެވެ. ގުނަރަތުނަ ވަކާލާތު ކުރާ ގޮތުގައި، "ސިލޯން ޓީ" ގައި ކެމިކަލް އެކުލެވޭ މިންވަރު އިންތިހާއަށް ދަށް ވާނެއެވެ. އަދި އެކަމުގެ ސަބަބުން ނުރައްކަލެއްވެސް ނޯންނާނެއެވެ.

ސްރީލަންކާގައި އޯގޭނިކް ކޮށާއި އަދި އާންމު އުސޫލުން ސައިފަތް ހައްދަމުން އަންނަ ސަނަތު ގުރުނުދާ ބުނާ ގޮތުގައި، މިހާރު އަޅާފައިވާ ހުރަސްތައް ދިގުލާ ދާން ވެއްޖެ ނަމަ، އޮކްޓޯބަރު މަސް އަންނައިރު، ގަސްތައް ހަލާކުވާނެއެވެ. އަދި ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު އެކްސްޕޯޓް ކުރާ މިންވަރަށްވެސް ނޭދެވޭ އަސަރު ފޯރާނެއެވެ. އޭނާ އޯގޭނިކް ދަނޑުވެރިކަން ކުރަނީ، ފަތުރުވެރި ކަމުގެ ސިނާއަތަށް އަމާޒު ކޮށްގެންނެވެ. ނަމަވެސް، އެކަނި އެ ވަރުން ދެކޮޅު ޖެހެން ނެތްކަން، ގުރުނުދާ ފާހަގަ ކުރެއެވެ.

ސްރީލަންކާގެ ސައިފަތް ސިނާއަތް އިނދަޖެހުމުގެ އަސަރު، 3 މިލިއަނެއްހާ މަސައްކަތްތެރިންނަށް ފޯރާނެ / ފޮޓޯ: ބްރޫސް ވިލިއަމްސް ފޮޓޯގްރަފީ

ސްރީލަންކާގެ ސައިފަތުގެ ސިނާއަތް އިނދަޖެހުމުގެ އަސަރު، 3 މިލިއަނެއްހާ މަސައްކަތްތެރިންނަށް ކުރާނެއެވެ. އެވަރުން ނިމުނީއެއް ނޫނެވެ. ކުރިންވެސް ދެންނެވި ފަދައިން އަސޭ މިރުހާއި ފޮނިތޮށީގެ ސިނާއަތަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރާނެއެވެ. އދގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ "ސްޕައިސް" ނުވަތަ ހަވާދުގެ ބާޒާރުގައި 85 ޕަސެންޓް ހިއްސާ ކުރަނީ ލަންކާ ފޮނިތޮއްޓެވެ. މިކަމުގެ އަސަރު، ލަންކާގެ ބޯޑަރުން ބޭރުވެ، އެހެން ގައުމުތަކަށްވެސް ބަންޑުން ނުވެ ނުދާނެ ކަމީ، ގަބޫލު ކުރަންޖެހިފައި ވާ ހަގީގަތެކެވެ.