ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގައި ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އިއްޔެ ކުރިއަށްގެންދިޔަ އިސްތިއުނާފީ އަޑުއެހުމުގައި އިސްތިއުނާފް ޝަރީއަތް ނިމެންދެން ޔާމީނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކޮށްދޭން އެމްނިކުފާނުގެ ވަކީލުން އެދިވަޑައިގަތެވެ. އެ ކަމުގައި ގޮތެއް ނިންމާނީ ދެ ދުވަސް ފަހުން ބޭއްވޭ ޝަރީއަތުގެ އަޑުއެހުމުގައި ކަމަށް އިއްޔެ ކަނޑައެޅިއެވެ.

މިހާރު އިސްތިއުނާފްްގެ ދެވަނަ އަޑުއެހުން ހިނގަމުން އަންނަ އިރު، މިއަދުގެ އަޑުއެހުމުގައި ޔާމީންގެެ ވަކީލުންނަށް ހުށަނޭޅި ހުރި އިސްތިއުނާފީ ނުތުތާތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ވާހަކަ ދައްކަވަމުން ވަކީލު އަލީ ޝާހް ވިދާޅުވީ، ޔާމީންގެ ވަޒީރެއްގެ ގޮތުގައި ހުންނެވިއިރު ބޮޑު ހިޔާނާތެއް ހިންގައިގެން އަދީބުގެ މައްޗަށް ދައުވާ އުފުލާ ފިޔަވަޅުތަކެއް އަޅާފާވާތީ، އެ ކަމުގެ ބަދަލު ހިފުމުގެ ރޫހު އޮވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަކީ މި ދަނޑިވަޅުގައި ޔާމީންގެ އެންމެ ބޮޑު އެއް ދުޝްމަން ގެ ގޮތުގައި ދިފާއީ ވަކީލުން ވިދާޅުވިއެވެ.

މީގެ އިތުރުން އަދީބަކީ މި މައްސަލައިގައި އިސްތިއުނާފް ކުރެވޭ ގއ. ވޮޑެމުއްލާގެ އިކިއުޒިއަމް ކޯސްޓު ފައިސާއަށް ހިޔާނަތްތެެރިވިކަމުގެ ދައުވާ އޭނާގެ އިއުތިރާފުން އޭނާގެ މައްޗަށް ސާބިތުވެެފައިވާ މީހެއް ކަމަށާއި އަދި ވޮޑެމުއްލާގެ އިކިއުޒިއަމް ކޯސްޓު ފައިސާއަށް ހިޔާނާތްތެެރިވުމުގައި ބައިވެެރިވެ އެެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އަދީބުގެ އިއުތިރާފުން އޭނާގެ މައްޗަށް ސާބިތުވެފައިވާކަމަށް ދިފާއީ ވަކީލް ވަކީލު އަލީ ޝާހް ފާހަގަކުރެއްވިއެވެ.

އިސްލާމީ ޝަރީއާގައި ހެކިބަސް ދޭ މީހާއަކީ އަދުލުވެރިކަމުގެެ ސިފަ ކިހާ މިންވަރަކަށް ހުރި މީހެެއްތޯ ބެލުމަށް އިސްލާމީ އެންމެހާ މަޒްހަބުތަކުގެ އިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައި ނުވާ މިންގަނޑެއް ކަނޑައެޅިފައިވާކަންް ފާހަގަކުރައްވާ ވަކީލް އަލީ ޝާހް ވިދާޅުވީ، އެއީ ބޮޑު ފާފައަކަށް އަރައިގަނެފައިވާ މީހެެއް ނަމަ އަދުލުވެރިކަމުގެ ސިފަ ފުރިހަމަ ނުވާ ފާސިގެެއްްކަމުގައި ބެލެެވޭނެެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ.