އޭޝިއާ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް އިންޑިއާއިން ކުރަމުން އަންނަ މަސައްކަތުގައި އިސްތިރާޖީ ގޮތުން އެންމެ މުހިންމު އެއް މަންޒިލްގެ ގޮތުގައި ސިފަ ކުރަމުން އަންނަ މޮރިޝަސް އަސްކަރިއްޔާގެ ކޯސްޓްގާޑް މަނަވަރެއް މަރާމާތު ކުރުމުގެ މަސައްކަތް، އިންޑިއާގައި ކުރަމުން އަންނަ ކަމަށް ހަބަރު ލިބިއްޖެއެވެ.
މޮރިޝަސް ކޯސްޓްގާޑްގެ މަނަވަރު، އެމްސީޖީއެސް ބަރަކޫޑާ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ގާޑަން ރީޗް ޝިޕްބިލްޑާޒް އެންޑް އިންޖިނިއާޒް (ޖީއާރްއެސްއީ) ކަލްކަޓާގައެވެ. މީ އިންޑިއާގެ ސަރުކާރުން ހިންގާ، މުހިންމު ބޯޓުޔާޑުތަކުގެ ތެރޭގައި ގުނާލެވޭ ބޯޓުޔާޑެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާ އިސްވެރިޔާ، އެޑްމިރަލް ކަރަމްބީރު ސިންހް ވަނީ، މި ބޯޓުޔާޑަށް ވަޑައިގެން، އެތަނުގައި ކުރިއަށް ގެންދާ މެއިންޓަނަންސް މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އުޅަނދުގެ ކުރޫއިންނާވެސް ބައްދަލު ކުރައްވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު ކުރިއަށް ދަނީ މެއިންޓަނަންސްގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާ، ކަނޑަށް ބާލާ، ޓެސްޓު ކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ހަބަރު ލިބެއެވެ. މިކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާއާއި މޮރިޝަސްގެ ކަނޑުގެ އަސްކަރިއްޔާއާއި ކޯސްޓްގާޑް ކުރޫ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ޓެސްޓު ކާމިޔާބު ވުމާއެކު އެމްސީޖީއެސް ބަރަކޫޑާ ދެން ދަތުރު ކުރާނީ މޮރިޝަސްއަށެވެ.
މި މަޝްރޫއަކީ މޮރިޝަސްގެ ކޯސްޓްގާޑަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިންގާ މަޝްރޫއެއްގެ އިތުރުން، ކެޕޭސިޓީ ބިލްޑިންގްގެ ނިޔަތުގައިވެސް ހިންގާ މަޝްރޫއެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެމްސީޖީއެސް ބަރަކޫޑާއަކީ ހަނގުރާމަ މަތީ މަނަވަރުތަކުގެ ތެރެއިން އިންޑިއާގެ ބޯޓުޔާޑަކުން އެކްސްޕޯޓް ކުރި ފުރަތަމަ މަނަވަރު ކަމަށް ހަބަރު ލިބެއެވެ. މި މަނަވަރު، މޮރިޝަސް އެންމެ ފުރަތަމަ ދީފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
އިސްތިރާޖީ ގޮތުން ބަލާއިރު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންތިހާއަށް މުހިންމު މަންޒިލެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ، ސިފައިންގެ ކޯސްޓްގާޑް ފްލީޓްގައި ބޭނުން ކުރަމުން އަންނަ އަސްކަރީ މަނަވަރު "ސީޖީއެސް ހުރަވީ" މަރާމާތު ކުރުމުގައިވެސް އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
"ސީޖީއެސް ހުރަވީ" މަރާމާތު ކުރުމުގެ ތެރޭގައި މައި ޕްރޮޕަލްޝަން އަދި އޮގްޒިލަރީ މެޝީނަރީ ބަދަލުކޮށް/މަރާކުރުމާއި، މަނަވަރަށް ހަކަތަ ފޯރުކޮށްދޭ ސިސްޓަމް އާ ކުރުމާއި، އިތުރު ސިސްޓަމްތައް އޯވާހޯލް ކުރުން ފަދަ މަސައްކަތްތައް ކޮށްފައިވެއެވެ. މަރާމާތަށް ފަހު، އިންޑިއާގެ ބަނދަރުތަކުގައި މަނަވަރުގެ ގާބިލިއްޔަތު ކަން ވަޒަން ކުރުމަށް ޓެސްޓުތަކެއް ހަދާ، އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭ ފެންވަރަށް މަނަވަރު މަރާމާތު ކޮށްފައިވެއެވެ.
އިންޑިއާއިން މޮރިޝަސްގެ ކަނޑުގެ އަސްކަރީ މަނަވަރެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާ އިރު، މޮރިޝަސްގެ ޖަޒީރާއެއްގައި، ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒެއް ތަރައްގީ ކުރަމުން އަންނަ ކަމަށް، އަޑި ނޭނގޭ ގިނަ ހަބަރުތަކެއްގެ އެންމެ ފުނަށް ފީނައިގެން ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަލްޖަޒީރާއިން ރިޕޯޓެއް އާންމު ކޮށްފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.