އައްޑޫގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1150 އަށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އިއްޔެ އެކަނިވެސް އެ ސިޓީން 16 މީހަކު ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން 2 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. މަރަދޫ އިން 11 ކޭސް، ފޭދޫއިން، މީދޫ އަދި ހުޅުދޫ އިން ކޮންމެ ރަށަކުން އެއް ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މިހާތަނަށް ޖުމުލަ 1150 މީހަކަށް އައްޑޫގައި ކޮވިޑް ޖެހިފައިވާއިރު، އޭގެ އެތެރެއިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު 314 އަށް އަރައެވެ. އެކްޓިވް ކޭސްތައް އެންމެ ގިނައީ މަަރަދޫގަ އެވެ. އެއީ 128 އެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 11 ކޭސް، ފޭދޫގައި އެކްޓިވް 31 ކޭސް، ހިތަދޫގައި 99، މީދޫގައި 34 ކޭސް އަދި ހުޅުދޫގައި 11 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ޑައިރެކްޓް ކޮންޓެކްޓާ އަދި ފުލޫ ކްލިނިކުން 1 ސާމްޕަލްއެއް ހިމެނޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫން ކޮވިޑު ޖެހިގެން އައްޑޫން ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.