ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓެއްގެ ކުޑަދޮރެއް ތަޅާލާފައި ތަން ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ހިޔާ ޔޫނިއަން ވައިބާ ގްރޫޕުގައި ހިއްސާކޮށްފައި ވާ އެ ވީޑިއޯގައި ބިއްލޫރިގަނޑު ތަޅާލާފައި ހުރި މަންޒަރު ފެންނަ އިރު ބިއްލޫރިތަކުގައި ލޭ ހޭކިފައި ހުރި މަންޒަރު ވެސް ފެނެއެވެ.

"އެއީ ޕާޓޭއަކު ވައްކަން ކުރަން ވެގެން ކޮށްފައި ހުރި ކަމެއް ކަމަށް" އެވީޑިއޯ ކުރި މީހާ ބުނާ އަޑު އިވެއެވެ. ވީޑިއޯ އާންމު ކުރި މީހާ ބުނީ ބިއްލޫރިގަނޑު ތަޅާލައިފައި ހުރީ 12 ވަނަ ޓަވަރުގެ 9 ވަނަ ފަންގެފިލާގެ 11 ވަނަ ޔުނިޓުގެ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން އަދި އެޗްޑީސީން ބުނީ އެފަދަ ކަމެއް ދިމާވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާ، އެކަން ހިނގާފައި ވޭތޯ ބަލަމުން ދާ ކަމަށެވެ.

އެކަން ހިނގާފައި މިވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓުތަކުން ވައްކަން ކުރާ މައްސަލަތަކެއް ފެންމަތިވެފައި ވާ ދަނޑިވަޅެއްގައެވެ.

ހިޔާ ފްލެޓްތަކުން ވައްކަން ކުރާ މައްސަލަތައް ފެންމަތިވަމުން އަންނަ އިރު އެތަނުގައި ވެސް އަދި ފްލެޓް ސަރަހައްދުގައިވެސް ކެމެރާއެއް ނުހުރެއެވެ. ފްލެޓް ތަކަށް ތަކެތި އުފުލުމާއި އަދި ފްލެޓްތަކުގެ އިންޓީރިއާ ހެދުމުގެ މަަސައްކަތުގައި ދިވެހިން އުޅުނު ނަމަވެސް ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންނެވެ.

ފްލެޓްގެ އިންޓީރިއާ މަސައްކަތް ހިނގާ އިރު އެޗްޑީސީން ކަނޑައަޅާފައި ތިބޭ މުވައްޒަފުން ގިނަ ވަގުތު ފްލެޓްތަކުގެ ސަހަރައްދުގައި އުޅުނު ނަމަވެސް އެތަންތަނަށް ގެންދާ އެއްޗެއްސާއި ތަކެއްޗާއި މީހުންގެ ހަރަކާތްތައް ރެކޯޑްކޮށް ބެލޭނެ އިންތިޒާމެއް ނެތެވެ. އަދި އެ ޓަވަރުތަކުގައި ސެކުރިޓީ ކަންކަން އިންތިޒާމް ކޮށްފައެއްވެސް ނެތެވެ.