އުންސުރު ހަމަކޮށްދޭނެ ކަމަށް ބުނެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހަމަލާތައް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އަމާޒުކުރައްވައިފިއެވެ.

އަލީ ވަހީދު އެހެން ވިދާޅުވީ އޭނާގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން އެދިފާ އޮތުމުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެ ނުދޭން ހައިކޯޓުން ނިންމުމާ ގުޅިގެންނެވެ.

"ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެން ގެ ޗެއާޕާސަންކަން ކުރެއްވިކަން ހަނދާންނެތް ކަމަށް ބުނި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަން ކުރިކަން ނޭނގުނު މީހަކަށް، ފަތިސްކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، އަލީ ވަހީދު ވެސް އޮޅިދާނެ"
އަލީ ވަހީދު

އަލީގެ އެ ހުރިހާ ވާހަކައަކީ ޕީޖީ ޝަމީމަށް އަމާޒު ކުރެއްވި ވާހަކައެވެ. އަދި އިތުރަށް އަލީ ވަހީދު ވިދާޅުވީ "އުންސުރު ހަމަކޮށްދެއްވާނެ" ކަމަށެވެ.

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް، މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގަތް ފަހުން އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެދިފައި އޮތީ އަލީ ވަހީދު މިނިސްޓަރަކަށް ހުންނެވިއިރު ދޫކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކަމަށާއި، އެހެންނަމަވެސް އެ ޕާސްޕޯޓަކީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ އަމިއްލަ ޕާސްޕޯޓުގައި ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން ކެންސަލް ކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އަމުރު ނުދެވޭނެ ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމް ކޮށްފައި ވެއެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު އަބްދުﷲ ހަމީދުއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.