މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި ލޮކްޑައުންގެ ހަރުކަށި އަމުރެއް ތަންފީޒު ކުރަމުން އަންނަ ދަނޑިވަޅެކެވެ. ނަމަވެސް، ޒަރޫރީތަކެއްޗާއި ކާބޯތަކެތި ހޯދުމަށް ދަމާލާ ސަފުތައް ލޮލުގެ ކޮޅަށް ދެމިގެންދާތީ ފެނުން މިހާރު ވަނީ އާންމު ކަމަކަށް ވެފައެވެ.

ސްރީލަންކާގެ ސަރުކާރުން ހިންގަމުންދާ ސުޕަމާކެޓްތަކުގެ ހަރުތައް މިހާރު ދަނީ ހުސްވަމުންނެވެ. ބައެއް ހަރުތައް މުޅުންހެން ހުސްވެއްޖެއެވެ. އިމްޕޯޓް ކުރާ ބައެއް އުފެއްދުންތައް ކަމަށް ވާ، ހިކި ކިރާއި، ސީރިއަލް އަދި ހަނޑުލުގެ ބާވަތްތައް މުޅިންހެން ހުސްވެއްޖެއެވެ.

ލަންކާ ފިހާރާއެއްގެ ޑެއިރީ ސެކްޝަނުން ވިޔަފާރި ކުރަން ހުރި މީހެއް / ފޮޓޯ: ދަ ސްޓްރެއިޓްސް ޓައިމްސް

ނަމަވެސް، ސްރީލަންކާގެ ސަރުކާރުން ދަނީ، ކާބޯތަކެތި ހުސްވާ ކަމަށް ފެތުރޭ އަޑުތައް ދޮގު ކުރަމުންނެވެ. ތުހުމަތު އަމާޒު ކުރަނީ މީޑިއާއަށެވެ. ބުނަމުން ދަނީ، މީޑިއާއިން ބިރުވެރިކަން އުފައްދަނީ ކަމަށެވެ.

ކަން މިހެން އޮތްއިރު، ސްރީލަންކާގައި ވަނީ އިގުތިސޯދީ ކުއްލި ނުރައްކާ އިއުލާން ކޮށްފައެވެ. އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަނީ މި މަހުގެ 14 ވަނަ ދުވަހު، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާ ސަރުކާރުން ކުރީ ކޮން ކަމެއް؟

ސްރީލަންކާގެ ބާޒާރައި ސްޓޮކްގައި ހުރި ޒަރޫރީ މުދަލުގެ ސަޕްލައި ކޮންޓްރޯލް ކުރުމަށް، އެ ގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ، ހަރުކަށި ފިޔަވަޅުތަކެއް އިއުލާޏް ކުރެއްވީ އޯގަސްޓް 30 ވަނަ ދުވަހުއެވެ. ސަރުކާރުން ބުނީ، އެއީ ބައެއް ވިޔަފާރިވެރިން މުދާ ފޮރުވައިގެން އުޅޭ އުޅުން ހުއްޓުވުމަށާ، ބަޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ރާޖަޕަކްސަ އާއިލާއިން ލަންކާ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ނުފޫޒުގަދަ 3 ބެއިން / ފޮޓޯ: ދަ ހިންދޫ

މި ދަނޑިވަޅަކީ، ބައިނަލްއަގުވާމީ ބާޒާރުގައި ލަންކާ ފައިސާގެ އަގު، އިންތިހާއަށް ވެއްޓެމުން ދާ ދަނޑިވަޅެކެވެ. ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. އަދި ބޭރު ފައިސާގެ ރިޒާވްވެސް އިންތިހާއަށް ހީނަރެވެ. ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އިގުތިސޯދުތަކުގެ ތެރޭގައި ގުނާލެވުނު ލަންކާ މިހާރު ދަނީ އިނދަޖެހެމުން ކަމީ، ގަބޫލު ކުރަން ޖެހިފައި ވާ ހަގީގަތެކެވެ.

މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ލިސްޓުގެ ކުރިއަށް، ވޯލްޑް ބޭންކުން ލަންކާ ޕްރޮމޯޓް ކުރީ 2019 ވަނަ އަހަރުއެވެ. ނަމަވެސް، ލަންކާގެ ދަރަނި ދިޔައީ ބޮޑުވަމުން ކަން ފާހަގަ ކުރަންޖެހެއެވެ. 2010 ވަނަ އަހަރު، ގައުމީ އާމްދަނީގެ 39 ޕަސެންޓްގައި އޮތް ދަރަނި، 2019 ވަނަ އަހަރު، 69 ޕަސެންޓަށް އެރި ކަމަށް ވޯލްޑް ބޭންކުގެ ރެކޯޑުން ދައްކައެވެ.

ސްރީލަންކާއިން ކާބޯތަކެތި ހުސް ނުވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނޭ / ފޮޓޯ: ޓައުން ނިއުސް

ކާބޯތަކެތީގެ އަގާއި ސަޕްލައިއަށް ވީ ކިހިނެއް؟

އިގުތިސޯދީ ކާރިސާގެ ނަތީޖާއެއްގެ ގޮތުން، ލަންކާގެ ބާޒާރުތަކުގައި ޒަރޫރީ ބައެއް ކާބޯތަކެތީގެ އަގުތައް ދަނީ އުފުލެމުންނެވެ.

ފާއިތުވީ މަސްތަކަށް ބަލާއިރު، ހަކުރު، ފިޔާ އަދި މުގުގެ ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފައެވެ. ރީޓެއިލްކޮށް މުދާ ވިއްކޭނެ އެންމެ މަތީ އަގު، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިއުލާން ކުރި ފަހުން، އަގުތައް ވަނީ ހިފެހެއްޓިފައެވެ.

ސްރީލަންކާގައި ތަންފީޒު ކުރަމުންދާ ކުއްލި ނުރައްކަލުގެ އަމުރުގެ ދަށުން، ވިޔަފާރިވެރިންގެ އަތުން މުދާ ގަނެ، ކޮންޓްރޯލް އަގެއްގައި މުދާ ވިއްކުމުގެ ބާރު، އެ ގައުމުގެ ސަރުކާރަށް ވަނީ ނަގާފައެވެ.

ސްރީލަންކާގައި ކާބޯތަކެތި ވިއްކާ ކަޑައެއް / ފައިލް ފޮޓޯ: އެކްސްޕީރިއަންސް ޓްރެވެލް ގްރޫޕް

ލަންކާގެ ބާޒާރުތަކުން ކާބޯތަކެތި ހުސްވެފައި ވާ ކަމަށް ބުނާ ބުނުމަކީ، "މަސްނޫއީ ހީނަރުކަމެއް" ކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ބުނެއެވެ. ބޭނުންވާ މުދާ، ބޭނުން ވާ ވަގުތުގައި ލިބެން ހުންނާނެ ކަމަށް ލަންކާގެ މާލީ ވުޒާރާއިން ބުނެއެވެ.

ކާބޯތަކެއްޗަށް ޖެހެމުންދާ ކަމުގެ ރިޕޯޓްތަކަކީ، އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ރިޕޯޓްތަކެއް ކަމަށް، ސްޓޭޓް މިނިސްޓަރު، އަޖީތު ނިވާދު ކަބްރާލް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މަގުތަކަށް ބަލާލުމުން ފެނިގެންދަނީ، ހަކުރާއި، ހަނޑު އަދި މުގުގެ ބާވަތްތަކާއި ހިކި ކިރު ގަތުމަށް ދަމާލާފައިވާ ދިގު ސަފުތަކެވެ. އެންމެ ހަނޑޫ ކިލޯއެއް ގަންނަން، 45 މިނެޓް ކިއުގައި މަޑުކުރަން ޖެހިފައި އެބަހުއްޓެވެ. ވެރިރަށް ކޮޅުނބާ ދާދި ކައިރީގައި އޮންނަ ގަމްޕަހަ ޑިސްޓްރިކްޓްގައި ލަންކާ ސަރުކާރުން ހިންގާ ސުޕަމާޓުތަކެއް މިހާރު ބަންދު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ސްރީލަންކާގެ ބާޒާރުތަކުން ޒަރޫރީ ކާބޯތަކެތި ހުސްވަމުންދާ ކަމުގެ ރިޕޯޓްތައް ބައިނަލްއަގުވާމީ މީޑިއާގައި ދައުރު ވަމުން ދާއިރު، ދަ ޕްރެސްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ހާލުގައި ޖެހިގެން ރަސްމީ ސިފައެއްގައި އެއްވެސް ދިވެއްސަކު އަދި މިހާތަނަށް އެހީއަށް އެދިފައި ނުވާ ކަމަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.