މި ދުވަސްވަރު އެންމެ ހަލުވިކަމާއެކު ވިކި ހުސްވާ އެއް ބާވަތުގެ ކުޅޭ އެއްޗެއްސަކީ "ޕޮޕްއިޓްސް" އޭ ބުނުމުން ނޭނގޭ މީހަކު މަދުވާނެއެވެ. އެކި ބައްޓަމަށް އޮންނަ ރަބަރުގަނޑެއް އުން ނުވަތަ ފިއްތަގެއް ޖަހައިގެން ފަރުމާ ކޮށްފައި ވާ "ޕޮޕްއިޓްސް" އަކީ، ކުޅިވަރެއްގެ ގޮތުގައި ކުޅުމަށް ނުވަތަ ބޯހަމަޖައްސާލަންވެސް އެންމެ އެކަށޭނަ އެއްޗަށް މިހާރު އޮތީ ވެފައެވެ.

މިދިޔަ އަހަރު ބާޒާރަށް ތައާރަފު ކުރި "ޕޮޕްއިޓްސް" އަކީ، 40 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހުގެ މަސައްކަތެވެ. "ޕޮޕްއިޓްސް"ގެ އަސްލު ފަރުމާއަކީ، ގޭމް ފަރުމާ ކުރަމުން އަންނަ އިޒްރޭލުގެ ދެ މީހެއްގެ އީޖާދެއް ކަމަށް ބުނެވެއެވެ. އެއީ ތިއޯއާއި އޯރާސް ކޮސްޓާއެވެ. މި 2 މީހުން ވަނީ މިހާތަނަށް 190 އަށް ވުރެ ގިނަ ގޭމް އުފައްދާފައެވެ. އޭގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް މަޝްހޫރު "ގެސް ހޫ"ވެސް ހިމެނެއެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޕޮޕްއިޓްސްގެ އެންމެ ފުރަތަމަ ފަރުމާ / ފޮޓޯ: ތިއޯރާ ޑިޒައިންސް

"ޕޮޕްއިޓްސް"ގެ ފެސުން އައީ ހިތާމަވެރި ހާދިސާއަކާ ގުޅިގެންނެވެ. އެއީ 1974 ވަނަ އަހަރެވެ. އޯރާގެ އާއިލާ މެންބަރަކު، އުރަމަތީގެ ކެންސަރު ބަލީގައި މި ދުނިޔެ ދޫކުރިއެވެ. އެއީވެސް ފަންނުވެރިއެކެވެ. އޯރާއަށް ހިޔާލު އައީ ހުވަފެނެއްގެ ތެރެއިން ކަމަށް، އޭނާ ބުނެއެވެ. އުރަމަތީގެ ކެންސަރާއި، "ޕޮޕްއިޓްސް" ގެ ފަރުމާއާ ތިބޭފުޅުން އަމިއްލަ ފުޅަށް ގުޅުވާލާށެވެ. ތަފްސީލު ބަޔާން ކުރާ ކަމަށް ނެތީމެވެ.

އޯރާއާއި ތިއޯގެ ފުރަތަމަ ފަރުމާތައް ވައިގައި ހިފާ ގޮތެއް ނުވިއެވެ. އެއީ، މިއަދު މި ފެންނަ "ޕޮޕްއިޓްސް" ތައްޔާރު ކޮށްފައި ވާ ސިލިކޯން ރަބަރު، އޭރު ނެތުމުން ކަމަށް ވެދާނެއެވެ. މިހާރު މި ފެންނަ ގޮތަށް "ޕޮޕްއިޓްސް" ތައްޔާރުކުރީ އޯރާއާއި ތިއޯގެ 2 ދަރިންނެވެ. ފޮކްސްމައިންޑް ކުންފުންޏާ ގުޅިގެންނެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޕޮޕްއިޓްސްގެ އެންމެ ފުރަތަމަ ފަރުމާއަށް ތައްޔާރު ކުރި ގޭމްތައް / ފޮޓޯ: ތިއޯރާ ޑިޒައިންސް

"ޕޮޕްއިޓްސް" ގޭމް ތައާރަފު ކުރީ، 2 ބައިވެރިންނަށް ކުޅެވޭ ގޮތަށެވެ. އެންމެ ފަހު ފިތަށް އޮބާލަން ނުޖެހޭ މީހާ މޮޅުވާ ގޮތަށެވެ. 2014 ވަނަ އަހަރު ތައާރަފު ކުރި ގޭމްވެސް އަދާ އެއްވަރަށް ވައިގައި ނުހިފިއެވެ. ނަމަވެސް، ހާލަތު ބަދަލުވީ، އެމެރިކާގެ ރީޓެއިލާ، "ޓާގެޓުން" 2019 އަހަރު، "ޕޮޕްއިޓްސް"އަށް ޝައުގުވެރިވީ ހިސާބުންނެވެ. ސޯޝަލް މީޑިއާގައި "ޕޮޕްއިޓްސް"ގެ ފޯރި "ހިންގާލީ" ރާމާމަކުނެއް ކަމަށް ބުނެއެވެ.

މިއަދު ބިލިއަނުން "ޕޮޕްއިޓްސް" ވިއްކަމުން ދާއިރު، ބައެއް އުފެއްދުންތަކަކީ ލައިސަންސްވެސް ނެތި ވިއްކަމުންދާ އުފެއްދުންތަކެކެވެ. ނަމަވެސް، އެމެޒޯން ކުންފުނިން ވަނީ، ފޮކްސްމައިންޑާއި ގުޅިގެން، ފިކުރީ މުދާ ހިމާޔަތް ކުރަން މަސައްކަތް ކުރާ ކަން ހާމަކޮށްފައެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައިވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޕޮޕްއިޓްސް / ފޮޓޯ: ބާބަކިއުއެންޑްމޯ

"ޕޮޕްއިޓްސް" އުފެއްދުމުގެ ބާނީންގެ ތެރޭގައި ހިމެނޭ އޯރާ ވަނީ މީގެ ދުވަސްކޮޅެއް މަރުވެފައެވެ. އޭނާ މަރުވިއިރު އިނީ، "ޕޮޕްއިޓްސް"ގެ ކާމިޔާބީއާ މެދު އިންތިހާއަށް އުފާވާ ހާލުގައި ކަމަށްވެއެވެ. ތިއޯވެސް ވަނީ މީގެ 2 އަހަރު ކުރިން މި ދުނިޔެއާއި އަލްވަދާއު ކިއާފައެވެ.