ކަފާލާތުގެ އުސޫލުގެ ދަށުން ރައީސް އަބްދުﷲ ޔާމީން ދޫކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓުން ހުށައަޅައިފިއެވެ.
ކަފާލާތުގެ އުސޫލުން ރައީސް ޔާމީން ދޫކުރުމުގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ވަކީލުންވަނީ އެދިވަޑައިގެންފައެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ އަޑުއެހުމުގައި ރައީސް ޔާމީނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެފައިވަނީ ކަފާލާތުގެ އުސޫލުން ރައީސް ޔާމީން މިނިވަންކުރުމަށާއި ހުކުމް ތަންފީޒުކުރުން ހުއްޓައިލުމުގެ އަމުރަކަށް އެދުނު މައްސަލާގައި ދައުލަތުގެ ޖަވާބެއް އިއްްޔެ ލިބިފައިވާތީ އެ ޖަވާބަށް ރައްދު ދިނުމަށް ވަގުތު ކޮޅެއް ބޭނުންވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވަނީ ޑރ. ޖަމީލު އެދިވަޑައިގެންނެވި ފަދައިން ތައްޔާރުވެވަޑައިގަތުމަށް 2 ދުވަހުގެ މުހުލަތެއް ދޭއްވަން ނިންމާފައެވެ. އެހެން ނަމަވެސް ފަނޑިޔާރު މަހާޒު ނިންމަވާފައިވަނީ މިއަދު އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލަ ބަލާ ބެންޗަށް ހަމަޖައްސާފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމްއެވެ.
ޔާމީނުގެ މަށްޗަށް ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައެވެ.
ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.