ބައިނަލްއަގްވާމީ މެޗުތަކަށް ފުރުސަތު ދިނުމަށް ދެ ހަފްތާއަށް އިންގްލިޝް ޕްރިމިއާ ލީގުގެ ކުޅުން މެދު ކަނޑާލުމަށް ރޭ އަލުން މެޗުތައް ކުޅެން ފަށައިފިއެވެ.
މިގޮތުން ހޮނިހިރު ދުވަހު އީޕީއެލްގައި ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނީ މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި އެޓީމާ ނިއުކާސަލް ވާަދަކުރި މެޗަށެވެ. ސަބަބަކީ މި ސީޒަންގެ ޓްރާންސްފާ ވިންޑޯގައި އިޓަލީގެ ޔުވެންޓަސްއިން ޔުނައިޓެޑްއަށް ބަދަލުވި ޔުނައިޑެޓްގެ 'ލެޖެންޑް' ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުމެވެ.
4-1 މެންޗެސްޓާ މިމެޗު ކާމިޔާބުކުރި އިރު މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފައެވެ. މިގޮތުން، މެޗުގެ 47 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ޓީމަށް ލީޑު ނަގާ ދީފައެވެ.
މެޗުގެ 56 ވަނަ މިނެޓްގައި ލީޑްސް ޔުނައިޑެޓުން ލަނޑެއް ޖަހާ ސްކޯ ހަމަ ހަމަ ކުރި ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ޔުނައިޑެޓުން ލަނޑެއް ޖަހާ ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ރޮނާލްޑޯއެވެ.
ޔުނައިޑެޓްގެ ލީޑު ފުޅާ ކުރީ ބްރޫނޯ ފަނާންޑޭޒް އަދި ޖެސީ ލިންގާޑް ޖަހާ ދިން ލަނޑުތަކުންނެވެ. މި މެޗުން މޮޅުވެ މެންޗެސްޓާ ޔުނައިޑެޓް ވަނީ ތާވަލުގެ 1 ވަނަ އަށް އަރާފައެވެ.
ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ ޗެލްސީއެވެ. ޗެލްސީ ވަނީ ރޭ އެސްޓަން ވިލާއާ ވާދަކޮށް 3-0 އަކުން އެމެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި މިސީޒަންގައި ޗެލްސީއާ އަނެއްކާ ގުޅުނު ރޯމަލޫ ލުކާކު ވަނީ ދެލަނޑު ޖަހާފައެވެ.
ރޭ މެންޗެސްޓާ ސިޓީ ވެސް ވަނީ މޮޅުވެފައެވެ. މިގޮތުން ލެސްޓާ ސިޓީއާ ވާދަކޮށް ސިޓީ މޮޅުވީ 1-0 އަކުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހާ ދިނީ ބަނާޑޯ ސިލްވާއެވެ.
މިސީޒަންގައި ފުރަތަމަ ކުޅުނު ތިން މެޗުން ބަލިވި އާސަނަލް ރޭ ވަނީ ނޯވިޗްގެ މައްޗަށް ކުރި ހޯދާ ސީޒަންގައި އަލަށް މޮޅުވެފައެވެ. އާސަނަލް ވެސް މޮޅުވީ 1-0 ގެ ސްކޯލައިނަކުންނެވެ. މި މެޗުގައި އެޓީމަށް ލަނޑު ޖަހާ ދިނީ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގްއެވެ.
މި ހަފްތާ ބަންދުގެ މެޗުތައް ފެށުމުގެ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް ޓޮޓެންހަމް ރޭ ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-0 އަކުން ބަލިވެފައެވެ.